
ޖޭއެސްސީގެ ރައީސް ރިޒާ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަމުގެ މަގާމަށް ހުސެއިން ރިޒާ އިންތިހާބުކޮށްފި އެވެ.

އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތަމްސީލް ކުރައްވާ މެންބަރަކަށް މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އިންތިހާބުކުރީ މިއަދު އޮތް ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް މަޖިލީހުން ރިޒާ ކަނޑައެޅުއްވީ މި މަހުގެ 3 ގަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޖުޑީޝަރީގައި މަސައްކަތް ކުރައްވާފައިވާ ރިޒާ އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ކުރިން ކްރިމިނަލް ކޯޓުގައި އެޑްމިިނިސްޓްރޭޓާގެ ގެ މަގާމުވެސް ފުރުއްވާފައި ވެއެވެ.
ޖޭއެސްސީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ މަޖިލީހުން އެ ކޮމިޝަނަށް ކުރިން ކަނޑައަޅާފައި ހުންނެވި ތުޅާދޫ ދާއިރާގެ އޭރުގެ މެމްބަރު ހިސާން ހުސައިނެވެ.
ޖޭއެސްސީއަކީ ފަނޑިޔާރުންގެ ސުލޫކީ ކަންކަން ބެލުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ވަކިކުރުމާއި އާ ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތްތައް މަތިކޮށްފައި އޮންނަ ކޮމިޝަނެކެވެ.