ރަށުން ބޭރުގައި ސެވިއްޔާ އަތުން މޮޅުވެ ބާސެލޯނާއިން ސީޒަން ނިންމާލީ މޮޅަކާއެކު
ހަސަން ޝަމްއޫން
5/27/2024, 12:30:46 AM
ރޮބަޓް ލެވަންޑޮސްކީ
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސެވިއްޔާ އާއި ދެކޮޅަށް ކުޅުނު މެޗު، ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާސެލޯނާއިން ސީޒަން ނިންމާލީ މޮޅަކާއެކުގައެވެ.
ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒްގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފަހުމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ވެސް ބާސާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އެވެ.
މިއީ އެޓީމުގެ ޕޯޗުގަލް ޑިފެންޑަރު ޖޮއާއު ކަންސެލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މީގެ އިތުރުން މިއީ އުމުރުން 35 އަހަރުގެ ފޯވާޑް މިސީޒަނުގައި ލީގުގައި ކުޅުނު 35 މެޗުގައި ކާމިޔާބުކުރި 19 ވަނަ ލަނޑެވެ.
ސެވިއްޔާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް ޔޫސެފް އެން ނެސެރާއީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްޗަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ބާސެލޯނާ މިމެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 38 މެޗުން ބާސެލޯނާއަށް 85 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ސީޒަން ނިންމާލީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ސެވިއްޔާއަށް 38 މެޗުން ލިބުނު 41 ޕޮއިންޓާއެކު އެޓީމުން ސީޒަން ނިންމާލީ ލީގު ތާވަލުގެ 14 ވަނައިގައެވެ.