ފަހުވަގުތު ކާމިޔާބުކުރި ދެލަނޑާއެކު އެސްޓަންވިލާ އިން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފި
ހަސަން ޝަމްއޫން
5/14/2024, 12:20:00 AM
އެސްޓަން ވިލާ އާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިން
އިގިރޭސި ޕްރެމިއާ ލީގުގައި ހޯމަދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.
ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑަކީ މެޗު ފެށިގެން ދެވަނަ މިނެޓުގައި ލިވަޕޫލުގެ މިޑްފީލްޑަރު ހާވީ އެލިއޮޓް ގޯލު ކުރިމަށްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެސްޓަން ވިލާގެ އާޖެންޓީނާ ކީއްޕަރު މާޓިނޭޒް އަތުން ބައިކޮޅަށް ވަނަ ލަނޑެކެވެ.
އެސްޓަން ވިލާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ޔޫރީ ޓިލަމަންސް އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް އޮލީ ވަޓްކިންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ 11 މިނެޓު ފަހުން ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ނެދަލެންޑްސް ފޯވާޑް ކޯޑީ ގައްޕޯ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ޖަރެލް ކުއާންސާ އެވެ. މިއީ އެސްޓަން ވިލާގެ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމަށް ލިބުނު ހިލޭޖެހުމެއްގައި އެޓީމުގެ މިޑްފީލްޑަރު ހާވީ އެލިއޮޓް ގޯލު ކުރިމަށްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އެސްޓަން ވިލާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ ފޯވާޑް ޑުރާން އެވެ. އަދި އޭގެ ތިން މިނެޓުފަހުން ޑުރާން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 37 މެޗުން ލިވަޕޫލަށް 79 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 37 މެޗުން އެސްޓަން ވިލާއަށް 68 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ.