ގައުމީ ސަރފިންގ ޓީމުގެ އޮފިޝަލް ސްޕޮންސަރޝިޕް މުއްދަތު ބީއެމްއެލް އިން އިތުރުކޮށްފި
އަހުމަދު ޝުރާއު
5/12/2024, 9:03:31 AM
ބީއެމްއެލުން ސްވިމިންގ އެސޯސިއޭޝަނާއި އެކު އެއްބަސްވުން އާކުރުން
މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ސީނިއަރ އަދި ޖޫނިއަރ ޓީމުތައް ހިމެނޭހެން ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށް ވުމަށް ވެފައިވާ އެއްބަސްވުން ބޭންކް އޮފް މޯލްޑިވްސްއިން އިތުރުކޮށްފިއެވެ.
މި ޕާޓްނަރޝިޕްގެ ދަށުން، މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ނޭޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށްވެސް ބީއެމްއެލްގެ އެހީތެރިކަން ލިބޭނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ "ސަރފިން އަކީ ރާއްޖޭގައި މަގުބޫލުކަން ހޯދަމުންދާ އަދި ކުރިއަރަމުންދާ ކުޅިވަރެއް. ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުންވެސް މި ކުޅިވަރަށް ވަރަށް ބޮޑަށް ޝައުގުވެރިވޭ. ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ކާމިޔާބު ހޯދުމުގެ ހުނަރު ސަރފިންގެ އެތުލީޓުންގެ ފަރާތުން ފެނޭ. މީގެ ކުރިންވެސް އެތުލީޓުން ވަނީ އެކަން ހާމަކޮށްދީފައި."
އެމްއެސްއޭގެ ރައީސް، މުހައްމަދު ސަބާހު ވިދާޅުވީ "ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މި ޕާރޓްނާޝިޕް ދެމެހެއްޓޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަޅުގަނޑުމެންގެ ގައުމީ ޓީމުތަކަށް ދެއްވާ އެހީއާއި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި އަޅުގަނޑުމެންގެ ޒުވާން އެތުލީޓުން ކުރިއަރުވަން ބޭންކުން ކުރާ މަސައްކަތް ނުހަނު އުފަލާއެކު ފާހަނގަކުރަން."
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ޕާރޓްނާޝިޕްތަކުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މުހިންމު ދަރުރެއް އަދާކުރަމުންނެވެ. މީގެ އިތުރުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެތުލީޓުން ކުރިއެރުވުމަށް ސްޕޯޓްސް ސްކޮލަރޝިޕްވެސް ދީފައެވެ.