ރައީސް މުއިއްޒު އަވަސް މުސްތަގުބަލެއްގައި އިންޑިއާއަށް ޒިޔާރާތްކުރައްވާނެ - ޒަމީރު
އަހުމަދު ޝުރާއު
5/9/2024, 4:41:34 PM
މިނިސްޓަރ ޒަމީރު އިންޑިއާގައި
ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު އަވަސް މުސްތަގުބަލެއްގައި އިންޑިއާއަށް ޒިޔާރާތްކުރައްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިފަދައިން ހާމަކުރެއްވީ މިއަދު އިންޑިއާގެ ނޫހެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަނަލްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން އޭއެންއައިގެ ރިޕޯޓަރު ވަނީ މީގެ ކުރިން ރާއްޖޭގެ ރައީސުން ވެރިކަމާއި ހަވާލުވެވަޑައިގެން ފުރަތަމަ ދަތުރުފުޅު އިންޑިއާއަށް ކުރައްވާ ސަގާފަތެއް އޮންނަ ކަމަށާއި ނަމަވެސް އެއާއި ހިލާފަށް ރައީސް މުއިއްޒުގެ ފުރަތަމަ ދަތުރުފުޅު ތުރުކީއަށާއި ޗައިނާ ކުރެއްވި ކަމަށް ވިދާޅުވެފައި އެވެ.
އެސުވާލަށް ޖަވާބުދެއްވަމުން ޒަމީރު ވިދާޅުވީ އެކަމަކީ އެއްވެސް އެހެން އެޖެންޑާއެއް އޮތުމުން ކުރެއްވި ކަމެއް ނޫންކަމަށާއި އެކަން އެގޮތަށް ކުރެއްވީ އިންޑިއާ ސަރުކާރާއި އެކުވެސް ރަސްމީ ދަތުރެއްގެ މަޝްވަރާތައް ކުރައްވަމުން ދިޔަ ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން ދެގައުމުން ވެސް އެއްބަސްވީ ރައީސަށް ފަސޭހަފުޅު ވަގުތެއްގައި އިންޑިއާއަށް ޒިޔާރާތް ކުރެއްވުމަށް ކަމަށް ޒަމީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން [ދިވެހި ސަރުކާރުން] ދިއްލީއާ މަޝްވަރާ ކުރިން ރައީސްގެ ރަސްމީ ދަތުރުފުޅެއްގެ ވާގަކަ. އެކަމަކު ދެ ފަރާތުގެ ފަސޭހައަށްޓަކައި ދެގައުމުން ވެސް އެއްބަސްވީ ތަންކޮޅެއް ލަސްކޮށްލުމަކީ ރަނގަޅު ކަމަކަށް ވެދާނެ ކަމަށެވެ، މިއަދުވެސް، އަޅުގަނޑު އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ (އީ.އޭ.އެމް) އެސް ޖައިޝަންކަރާއެކު ކުރެވުނު މަޝްވަރާތަކާއެކު، ވަރަށް އަވަހަށް، ރައީސުލްޖުމްހޫރިއްޔާ ދިއްލީއަށް ކުރައްވާ ދަތުރުފުޅާ ބެހޭގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރިން،" ޒަމީރު އޭއެންއައި އަށް ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރައީސް މުއިއްޒު އަވަސް މުސްތަގުބަލެއްގައި އިންޑިއާއަށް ޒިޔާރާތް ކުރައްވާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް މިނިސްޓަރ ނުދެއްވައެވެ.