ދިވެހި ސަގާފަތް އުނގެނި ބައިވެރިވުން ދިނުމަށް އަދުގެ ޖީލު ވަނީ ފެންބޮވައިގެންފައި - އާދަމް ނަޞީރު
އަހުމަދު ޝުރާއު
4/10/2024, 5:55:06 PM
ވަޒީރު އާދަމް ނަސީރު
ދިވެހި ސަގާފަތް އުނގެނި ބައިވެރިވުން ދިނުމަށް އަދުގެ ޖީލު ވަނީ ފެންބޮވައިގެންފައި ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދިވެހި އަމިއްލަވަންތަ ސިޔާސަތާ ގުޅިގެން ކުރެވޭ ކޮންމެ ކަމަކުން މި ކަމަށް ހެކިލިބޭ ކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ފިޠުރު ޢީދުގެ މުނާސަބަތުގައި މިއަދު ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ބައްލަވާލެއްވުމަށް ހެދިގޮނޑުދޮށަށް ވަޑައިގަތުމަށް ފަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ހަރަކާތަކީ އެ ވުޒާރާއާއި، ރާއްޖޭގެ ބޮޑުބެރު ގުރޫޕެއް ކަމަށްވާ ސާދަ ތިރީސް އަށަކާއި ގުޅިގެން، ކުޑަކުދީންނަށް ދިވެހި ސަގާފީ ކުޅިވަރު ހަރަކާތްތައް ދައްކާލުމަށް ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. މިގޮތުން ބޮޑު މަސް ބޭނުމާއި މާލި ނެރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު މި ހަރަކާތް އިންތިޒާމް ކުރި ސާދަތިރީސް އަށެއްގެ އިސް ފަރާތެއް ކަމަށްވާ އަޙްމަދު އާތިފް ވެސް ވަނީ ހަރަކާތް ބަލާލުމަށް އެސަރަހައްދަށް ދިޔަ ރައްޔިތުންގެ ކިބައިން ފެނުނީ ސަގާފަތް ބަލާލަން ބޭނުންވެފައި ތިބި މިންވަރު ކަމަށް ފާހަގަކުރައްވާފައެވެ.
“ހަރަކާތް ބަލާލުމަށް އެސަރަޙައްދަށް ދިޔަ ކުޑަ ކުދިންނާއި ބޮޑެތި މީހުންވެސް ބޮޑު މަހާއި މާލި ބަލަން ބޭނުން ވެފަ ތިބި ވަރު އެނގިގެން ދިޔަ، އެހާ ބައިވަރު ރައްޔިތުން މި ކުޅިވަރު ބެލުމަށް މިތަނަށް ޖަމާވުމުން. އެތައް އިރެއް ފަހުން ފެށުނީ ވެސް، ނުފެނި ދާނެ ކަމަށް އެއްވެސް މީހަކު ބޭނުމެއް ނުވި ދުރަށް ވެސް ދާކަށް. އެކަމަކު މާލި ވެސް ބޮޑު މަސް ވެސް މިއީ ބޮޑު ޖާގައެއްގައި ދުވެފައި ދާ ގޮތަށް ކުޅޭ ކުޅިވަރެއް ކަމުން ކުރިއަށް މިފަދަ ކަމެއް ރާވާއިރު މި ތަރުހީބު ބަލައިގަނެ ބޮޑު ޖާގައަކަށް މަސައްކަތް ކުރާނަން.” އާތިފް ވިދާޅުވިއެވެ.
މިއީ ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު އައި ފުރަތަމަ ފިޠުރު ޢީދަށް ވާއިރު މި ޢީދުގެ ހަރަކާތްތައް ރޭއްވެވުމުގައި ދިވެހި ސަގާފަތަށް ވަރަށް ބޮޑު އިސްކަމެއް ވަނީ ދެއްވާފައެވެ. އެގޮތުން ސަގާފީ ކުޅިވަރުތައް މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މި ކުޅިވަރުތަކަށް ވަނީ ހުރިހާ ރަށަކުންވެސް ބޮޑު ތަރުހީބެއް ލިބިފައެވެ.
މި ކުޅިވަރުތައް އިންތިޒާމް ކޮށްފައިވަނީ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކާއި އެހެނިހެން މުއައްސަސާތަކާއި އާންމު ޖަމިއްޔާ ޖަމާއަތްތައް ހިމެނޭހެން މުޅި ރައްޔިތުންގެ ބައިވެރިވުން އެކުލެވޭ ގޮތުގައެވެ.