2021 ވަނަ އަހަރަށް ފަހު ފުރެންޗް ކަޕްގެ ފައިނަލުން ފުރަތަަމަ ފަހަރަށް ޕީއެސްޖީ އިން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
4/4/2024, 7:28:34 AM
ޕީއެސްޖީ އާއި ރެއިން ވާދަކުރި މެޗުގެ ތެރެއިިން
ފުރެންޗް ކަޕްގެ ސެމީފައިނަލް ދެވަނަ މެޗުގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއިން އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕީއެސްޖީ އިން 2021 ވަނަ އަހަރަށް ފަހު ފުރަތަަމަ ފަހަރަށް މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
2019 ވަނަ އަހަރުގެ މިދެޓީމު ފުރެންޗް ކަޕްގެ ފައިނަލުގައި ވާދަކުރިއިރު، ޕެނަލްޓީގައި ޕީއެސްޖީ ބަލިކޮށް އެފަހަރު ޗެންޕިއަންކަން ހޯދީ ރެއިން އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިިން ދެމެޗުން ރެއިން މޮޅުވެފައިވާއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން ފުރަތަަމަ ހާފުގެ 37 ވަނަ މިނެޓުގައި ރެއިންގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ޕީއެސްޖީ އަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ކުރިއަށް ފޮނުވާލި ޕެނަލްޓީ ރެއިންގެ ކީޕަރު ސްޓީވް މަންޑަންޑާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން އެމްބާޕޭ ވަނީ ލަނޑެއް ކާމިޔާބުކޮށް ޕީއެސްޖީއަށް މެޗުގެ ލީޑު ހޯދައިދީފައެވެ. މިއީ މިއަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން ދެވަނަ ހާފުގައިި ޕީއެސްޖީގެ އެމްބާޕޭގެ އިތުރުން މާކޯސް އަސެންސިއޯ އަށް ލިބުނު ހުސް ފުރުސަތުގެ ހުރަހަކަށްވީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި މަންޑަންޑާ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ފައިނަލްގައި މެއި މަހުގެ 26 ވަނަ ދުވަހުގެ ރޭ ޕީއެސްޖީ އިން ނުކުންނާނީ ލިއޯން އާއި ދެކޮޅަށެވެ. ލިއޯން ފައިނަލުން ޖާގަ ހޯދައިފި ސެމީގެ ފުރަތަަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން ވެލެންސިއެން ބަލިކުރުމަށްފަހު އެވެ.