ރަށުން ބޭރުގައި އަލް އަހްލީ އަތުން ޗެންޕިއަން އަލް އިއްތިހާދު ބަލިވެއްޖެ
ހަސަން ޝަމްއޫން
4/2/2024, 5:16:20 AM
އަލް އަހްލީ އާއި އަލް އިއްތިހާދު ވާދަކުރި މެޗުގެ ތެރެއިިން
ސައުދީ ޕްރޮފެޝަނަލް ލީގުގައި ހޯމަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޗެންޕިއަން އަލް އިއްތިހާދާއި އަލް އަހުލީ ވާދަކުރި މެޗު، ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން އަލް އަހްލީ އިން ކާމިޔާބުކޮށްފި އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި މެޗުގެ ލީޑު ނެގުމަށް އަލް އިއްތިހާދަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.
އަލް އިއްތިހާދުގެ ކެޕްޓަން ކަރީމް ބެންޒީމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ ބްރެޒިލް ފޯވާޑް ރޮމާރީނިހޯ މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.
އަލް އަހްލީ އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސައުދީ ފޯވާޑް ފިރާސް އަލް ބުރައިކަން އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފަރްމީނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް އަހްލީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އަލް އަހްލީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 26 މެޗުން އަލް އަހްލީ އަށް 51 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް އިއްތިހާދުން ލީގުގައި ކުޅުނު 26 މެޗުން ލިބުނު 46 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ހަތަރުވަނައިގައެވެ.
މިދެޓީމަށް ވެސް ލީގުގައި ބާކީ 8 މެޗު އޮތްއިރު، ކުރިއަށް އޮތް ސީޒަނުގެ އޭއެފްސީ ޗެންޕިއަންސް ލީގުން ޖާގަ ލިބޭނީ ލީގުގެ ގަދަ ތިން ޓީމަށެވެ. އަދި މިވަގުތު ޗެންޕިްއަންސް ލީގުގެ ފަހު ޖާގައަށް ވާދަކުރަމުން އަންނަނީ ވެސް މިދެޓީމެވެ.