ޕީޕީއެމް/ޕީއެންސީގެ ލީޑަރޝީޕް އޮތީ ރައީސް ޑރ މުޢިއްޒުއާއެކު - ނައިބު ރައީސް
އައިޝަތު އިފާޝާ
3/30/2024, 11:30:00 AM
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއާއި, ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް
ޕީޕީއެމް/ޕީއެންސީގެ ލީޑަރޝީޕް އޮތީ ރައީސް ޑރ މުޙައްމަދު މުޢިއްޒުއާއެކު ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ, ޕްރޮގްރެސިވް ޕާޓި އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް އެއްވެސް ދިރުމެއް ދޭން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާކަން ހާމަވަމުންދާ ކަމަށް އެޕާޓީގެ ކުރީގެ ރައީސް ޔާމީން އަބްދުއްގައްޔޫމް ވިދާާޅުވުމާއި ގުޅިގެންނެވެ.
ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ޕީޕީއެމް/ޕީއެންސީގެ މިވަގުތުގެ ލީޑަރަކީ ރައީސް ޑރ މުޢިއްޒު ކަމަށާއި, މި ދެޕާޓީގެ ލީޑަރޝިޕް އޮތީ ރައްޔިތުން ބޭނުންވާ ތަރައްޤީ މިގައުމަށް ހޯދައިދިނުމަށް ފިސާރި ސާބިތުކަންމަތީ އެމަނިކުފާނާ އެކީ ކަމަށެވެ.
"ރައީސް އެ ގެންދަވަނީ އެމްޑީޕީ އިން މި ޤައުމު ވައްޓާލި އަނދަވަޅުން ޤައުމު ނަގައި ހަމަމަގަށް އެޅުވުމަށް ރެޔާ ދުވާލު ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން. ހިކުމަތާއެކު ކުރައްވަމުން އެ ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ފޮނި ނަތީޖާ ދިވެހި ރައްޔިތުންނަށް މިހާރުވެސް ދަނީ ފެންނަމުން." - ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސް ޔާމީން އިސްވެ ހުންވައި އުފައްދަވާ ޕީއެންއެފްއިން ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ޔާމީން ވަނީ މިފަހަރުގެ މަޖިލީހަށް ޕީޕީއެމްގެ ނަމުގައި މެމްބަރުކަމަށް ވާދަކުރަން ރައީސް މުއިއްޒު ފުރުސަތު ނުދެއްވިކަމަށް ވިދާޅުވެފައި އެވެ. އަދި ރައީސް މުއިއްޒު ގެންދަވަނީ ޕީޕިއެމްއަށް ފަސްއަޅާ ވަޅުލަން މަސައްކަތްކުރައްވަމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ދެ ނައިބުން ކަމަށްވާ އަހުމަދު ޝިޔާމް އާ ޣައްސާން މައުމޫނު އެ ޕާޓީއާ މެދު އަޅާނުލާތީ ކަންބޮޑުވާކަމަށްވެސް ވިދާޅުވެފައި އެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޕީޕީއެމްގެ ލީޑަރޝިޕާއި ޔާމީންއާއި ބޮޑެތި މައްސަލަތަކެއް ޖެހި ރައީސް ޔާމީން ވަނީ ޕީޕީއެމްއާއި ދުރަށް ވަޑައިގެންފައެވެ. އަދި މިހާރު ރައީސް ޔާމީން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވަމުންނެވެ.