މިސަރުކާރުގެ ކާމިޔާބީ އަކީ ޕީޕިއެމްގެ ދިރުމާ ކާމިޔާބު - ޝިޔާމް
އަހުމަދު ޝުރާއު
3/29/2024, 5:45:45 PM
ޝިޔާމް
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކާމިޔާބީއަކީ ޕީޕީއެމްގެ ދިރުމާއި ކާމިޔާބު ކަމަށް އެޕާޓީގެ ނައިބު ލީޑަރު އަދި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިމޭރުމުން ވިދާޅުވެފައިމިވަނީ ޕްރޮގްރެސިވް ޕާޓި އޮފް މޯލްޑީވްސް (ޕީޕީއެމް)އަށް އެއްވެސް ދިރުމެއް ދޭން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާކަން ހާމަވަމުންދާ ކަމަށް އެޕާޓީގެ ކުރީގެ ރައީސް ޔާމީން އަބްދުއްގައްޔޫމް ވިދާާޅުވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ރައީސް ޔާމީންއަށް ރައްދުދެއްވައި މިރޭ ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް އަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ހަޤީގަތާ ޚިލާފު ވާހަކަދައްކަވާ ރައްޔިތުންގެ ނަފުރަތު މިސަރުކާރަށް އަމާޒުކުރުވަން މަސައްކަތެއް ނުކުރައްވާނެ ކަމަށާއި އަދި އެފަދަ ބޭފުޅުން ތިއްބަވާނީވެސް ޕީޕީއެމްގައި ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މިސަރުކާރުގެ ކާމިޔާބީ އަކީ ޕީޕިއެމްގެ ދިރުމާ ކާމިޔާބު ކަމަށެވެ.
ރައީސް ޔާމީން އިސްވެ ހުންވައި އުފައްދަވާ ޕީއެންއެފްއިން ރޭ ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ޔާމީން ވަނީ މިފަހަރުގެ މަޖިލީހަށް ޕީޕީއެމްގެ ނަމުގައި މެމްބަރުކަމަށް ވާދަކުރަން ރައީސް މުއިއްޒު ފުރުސަތު ނުދެއްވިކަމަށް ވިދާޅުވެފައި އެވެ. އަދި ރައީސް މުއިއްޒު ގެންދަވޞި ޕީޕިއެމްއަށް ފަސްއަޅާ ވަޅުލަން މަސައްކަތްކުރައްވަމުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ދެ ނައިބުން ކަމަށްވާ އަހުމަދު ޝިޔާމް އާ ޣައްސާން މައުމޫނު އެ ޕާޓީއާ މެދު އަޅާނުލާތީ ކަންބޮޑުވާކަމަށްވެސް ވިދާޅުވެފައި އެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ޕީޕީއެމްގެ ލީޑަރޝިޕާއި ޔާމީންއާއި ބޮޑެތި މައްސަލަތަކެއް ޖެހި ރައީސް ޔާމީން ވަނީ ޕީޕީއެމްއާއި ދުރަށް ވަޑައިގެންފައެވެ. އަދި މިހާރު ރައީސް ޔާމީން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވަމުންނެވެ.