logoEN
cocacola
މަޝްރޫޢުތައް ހުއްޓެން މެދުވެރިވަނީ ފަންޑިންގ ކަށަވަރުނުކޮށް ޙަވާލުކޮށްފައި ހުރުމުން - ޑރ. ޚަލީލް

މަޝްރޫޢުތައް ހުއްޓެން މެދުވެރިވަނީ ފަންޑިންގ ކަށަވަރުނުކޮށް ޙަވާލުކޮށްފައި ހުރުމުން - ޑރ. ޚަލީލް

އައިޝަތު އިފާޝާ

logo

3/26/2024, 11:15:27 AM

# ޑރ. އަބްދުالله ޚަލީލް

ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް

ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރީ ސަރުކާރުން ފަށާފައިވާ ބައެއް މަޝްރޫޢުތައް ހުއްޓެން މެދުވެރިވަނީ އެ މަޝްރޫޢުތަކަށް ބޭނުންވާ ފަންޑިންގ ކަށަވަރުނުވަނީސް މަސައްކަތް ޙަވާލުކޮށްފައި ހުރުމުންކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚާލީލް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ގިނަ ސަރަޙައްދުތަކުގައި އަޅަން ފަށާފައިހުރި ހޮސްޕިޓަލްތަކުގެ މަސައްކަތް ހުރީ ހުއްޓިފައި ކަމަށެވެ. އެ މަސައްކަތްތައް ހުއްޓުމަށް އެކި ސަބަބުތައް މެދުވެރިވިއިރު ބައެއް މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނާ މަޝްވަރާކޮށްގެން މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ޑރ. ޚަލީލް ވިދާޅުވީ، މިދިޔަ އަހަރު ސަރުކާރުން ޞިއްޙީ ދާއިރާއިން ހަވާލުކުރި މަޝްރޫޢުތަކުގެ އަދަދު އާދަޔާ ޚިލާފަށް ގިނަ ކަމަށެވެ. އެއްފަހަރާ އެހާ ގިނަ ޕްރޮޖެކްޓުތައް ޙަވާލުކޮށްފައިހުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި އޭގެ ސަބަބުންވެސް މަސައްކަތް ހުއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ޖުމްލަ ޕްރޮޖެކްޓުތަކަށް ބަލާއިރު ދެ ބިލިއަނަށްވުރެ ބޮޑު. ދައުލަތުން މިއަހަރުގެ ބަޖެޓުގެ ގޮތުގައި ހެލްތު މިނިސްޓްރީއަށް ލިބިފައިވަނީ ގާތްގަނޑަކަށް 380 މިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމަށްޓަކައި. މިއީ ޙަވާލުކޮށްފައި ހުރި ޕްރޮޖެކްޓުތަކާ އަޅާބަލާއިރު ވަރަށް ކުޑަ ބަޖެޓެއް،" ޞިއްޙަތާބެހޭ ވަޒީރު ޑރ. ޚަލީލް ވިދާޅުވިއެވެ.

މަޝްރޫޢުތައް ކުރިއަށްގެންދެވޭނީ ފައިނޭންސް ހުރެގެންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެ ފައިނޭންސް މެނޭޖުކުރެވިގެން ނޫނީ މަޝްރޫޢުތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ފަންޑިންގ ކަށަވަރުނުކޮށް ކުރީ ސަރުކާރުން މަޝްރޫޢުތައް ހަވާލުކުރި ނަމަވެސް މި ސަރުކާރުން މަސައްކަތް ހަވާލުކުރާނީ ފަންޑިންގ ކަށަވަރު ކުރުމަށްފަހުކަމަށްވެސް ޞިއްޙަތާބެހޭ ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ