ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަޞީލަތްތަކުގެ ބޭނުންކުރެވޭނެ ފުރުޞަތު ވަނީ ފަހިވެފައި - ޝިޔާމް
އައިޝަތު އިފާޝާ
3/22/2024, 9:18:01 AM
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރެވޭނެ ފުރުޞަތު ފަހިވެފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލްތަތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، އިޤްތިޞާދު ސިންދަފާތު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރާއެކު ރާއްޖޭގައި ބޭނުން ނުކުރެވިހުރި އެތައް ވަސީލަތްތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމުގެ ސަބަބުން ކަނޑުގެ ވަސީލަތްތައް ބޭނުންކުރެވޭ މިންވަރު އިތުރުކުރުމުގެ ފުރުޞަތު ފަހިވެފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ ޤާބިލުކަން އިތުރު ކުރުމަށް ސަރުކާރުން ވަނީ ދާދިފަހުން ޑްރޯންތައް ބޭނުންކުރަން ފަށައިފައެވެ. އަދި ދިވެހި ސިފައިންގެ ޚިދުމަތަށް އެއަރކޯގެ ޚިދުމަތް ވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.
ޑްރޯންގެ ޚިދުމަތް އިފްތިތާހު ކުރުމުގެ ޖަލްސާގައި ރައީސުލްހުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އިޤްތިޞާދު ފުޅާކުރުމަށް ކުރެވިދާނެ ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިން އަމިއްލައަށް ކަނޑުގެ ސަރަޙައްދު ބަލަހައްޓަން ފެށުމާއެކު ކަނޑުގެ ބިޔަ ސަރަޙައްދުގެ ބޭނުން އިޤްތިޞާދީގޮތުން ހިފުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އެގޮތުން މަސްވެރިކަން ފުޅާ ކުރުމާއި ކަނޑުގެ ބިޔަ ސަރަޙައްދަކީ ވަސީލަތްތައް ގިނަ، ކަނޑުގެ އަޑި ބޭނުންކުރުން ޤާނޫނީގޮތުން ހިފުމުގެ ޙައްޤު އޮތް ތަނެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.