އޮކްޓޯބަރ މަހުން ފެށިގެން ޔަހޫދީންނާ ދެކޮޅަށް 479 މިސައިލާއި ޑްރޯން ހަމަލާދީފައިވާ ކަމަށް ހޫތީން ބުނެފި
އައިޝަތު އިފާޝާ
3/21/2024, 9:22:46 PM
.
މިދިޔަ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށިފަހުން އިސްރާއީލާ ދެކޮޅަށް 479 މިސައިލާއި ޑްރޯން ހަމަލާ ދީފައިވާ ކަމަށް ޔަމަނުގެ ހޫތީ ޖަމާއަތުން ބުނެފިއެވެ.
ހޫތީންގެ ލީޑަރު އަބްދުލް މަލިކް އަލް ހޫތީ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ ޔަހޫދީންގެ އުދުވާން ހުއްޓުވުމަަށް ކަމަށެވެ.
އޭނާ އެންމެ ފަހުން ދެއްވި ތަގުރީރުގައި ވިދާޅުވީ, ރަތް ކަނޑުން ދަތުރުކުރާ ޔަހޫދީންނާއި ގުޅުން ހުރި އުޅަނދުތަކާއި, ގަލްފް އޮފް އެޑެންގެ އުލަނދުތަކަށް ހޫތީން ދިން ހަމަލާތަކުގެ ސަބަބުން ޔަހުދީ އިސްރާއީލުގެ ބަނދަރު ސިޓީއެއް ކަމަށްވާ އެއިލާތަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އޭނާ ވަނީ އަދިވެސް އިސްރާއީލަށް ގެއްލުން ދިނުމުގެ މަސައްކަތުގައި އެޖަމާއަތުގެ އިތުރު "ޕްލޭންތަކެއް" އެބަހުރި ކަމަށްވެސް ވިދާޅުވެފައެވެ.
އަލް ހޫތީ އިތުރަށް ވިދާޅުވީ ޔަމަނަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ދެމުން ގެންދާ ހަމަލާތަކަށް އެޖަމާއަތުން ވަރުގަދަ ރައްދުތަކެއް ދެމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން މިހަފްތާގައި އެކަނިވެސް ޔަމަނުގެ ގިނަ ގަވަރުނަރަކަށް 31 ވައިގެ ހަމަލާއާއި ކަނޑުގެ ސިފައިންގެ ބޮމުގެ ހަމަލާތައް ދީފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ހުޅަނގުގެ ދެ ބާރުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޔަމަނަށް 407 ހަމަލާއެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަތް ކަނޑާއި ގަލްފް އޮފް އެޑެންއިން ދަތުރުކުރަމުންދާ ޔަހޫދީންނާ ގުޅުން ހުރި އާގު ބޯޓުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތަކުގައި ޔަހޫދީ އިސްރާއީލާ ގުޅުން އޮންނަ އާގުބޯޓެއް ވަނީ ފައްތާލާފައެވެ.