logoEN
cocacola
ޔުނައިޓެޑް އަތުން ހިތްދަތިގޮތަކަށް ބަލިވެ، އެފްއޭ ކަޕުން ލިވަޕޫލް ކަޓައިފި

ޔުނައިޓެޑް އަތުން ހިތްދަތިގޮތަކަށް ބަލިވެ، އެފްއޭ ކަޕުން ލިވަޕޫލް ކަޓައިފި

ހަސަން ޝަމްއޫން

logo

3/17/2024, 7:46:09 PM

# އިގިރޭސި އެފްއޭ ކަޕް# މެންޗެސްޓާ ޔުނައިޓެޑް # ލިވަޕޫލް# ބޭރު ދުނިޔޭގެ ކުޅިވަރު

މެޗުގެ ފަހުވަގުތު ލިވަޕޫލު ކޮޅަށް ލަނޑުޖެހުމަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ

އިގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ހިތްދަތިގޮތަކަށް ބަލިވެ، ލިވަޕޫލު އެފްއޭ ކަޕުން ކަޓައިފިއެވެ.

ގޮސިޔާ

މިމެޗު މެންޗެސްޓާ ޔުނައިޓެޑުން ކަމިޔާބުކުރީ އިތުރު ވަގުތުގެ ދެވަނަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކުރި ލަނޑާއެކު 4-3 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑުން ނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްކޮޓްލޭންޑް މިޑްފީލްޑަރު ސްކޮޓް މެކް ޓޮމިނޭ އެވެ.

ލިވަޕޫލުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު އެލެކްސިސް މާކް އެލިސްޓާ އެވެ. މިއީ އެޓީމުގެ އުރުގުއާއީ ފޯވާޑް ޑާވިން ނުނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ލިވަޕޫލުން ފުރަތަަމަ ފަހަރަށް މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ސަލާހް އެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އެންޓަނީ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގައި ޔުނައިޓެޑަށް ލީޑު ހޯދައިދިނުމަށް އެޓީމުގެ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ.

މިއާއެކު މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު އިތުރު ވަގުތުގެ 15 މިނެޓުގެ ފުރަތަަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފިލްޑަރު އެލިއޮޓް އެވެ.

ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރި ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ނިމި އިތުރަށް ކުޅުނު މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އަމަޑް ޑިއާލޯ އެވެ. އަދި ލަނޑުޖެހުމަށް ފަހު އުފާފާޅުކުރުމުގެ ތެރޭގައި ކުޅިވަރުގެ ރޫހާ ހިލާފުވެފައިވާތީ ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ޑިއާލޯއަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-3 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި މުބާރާތުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރަންޖެހެނީ އިގިރޭސި ޗެމްޕިއަންޝިޕުގެ ލީގު ތާވަލްގެ 8 ވަނާގައި މިވަގުތު އޮތް ކޮވެންޓްރީ އާއި ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 19:00 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ