logoEN
ޕީއެންސީ 2
އެނަމާ ކާރިސާއަށް 20 އަހަރު، އެއީ މުޅި ގައުމު ރޮއްވާލި ހިތާމަވެރި ދުވަހެއް!

އެނަމާ ކާރިސާއަށް 20 އަހަރު، އެއީ މުޅި ގައުމު ރޮއްވާލި ހިތާމަވެރި ދުވަހެއް!

ގާފު އެޑިޓޯރިއަލް

logo

3/16/2024, 11:53:33 PM

# އެނަމާ ކާރިސާ

-

މީގެ 20 އަހަރު ކުރީގެ ވާހަކައެކެވެ. 2004 މާރިޗް 17ވީ ބުދަ ދުވަހުގެ އިރާކޮޅު ވަގުތެއްގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާއެކެވެ. އެ ދުވަސް ވެގެންދިޔައީ ދިވެހި ތާރީހުގައިވެސް ކަޅު ސަފްހާއެއް ލިޔެވިގެންދިޔަ ދުވަހަކަށެވެ. އެއީ ދިވެހި ތާރީހުގައިވެސް މިހާތަނަށް ހިނގައިދިޔަ އެންމެ ހިތާމަވެރި ކަނޑުމަތީ ކާރިސާ ހިނގައިދިޔަ ދުވަހެވެ.

ޝަރީ 2024

"އެނަމާ" ބޯޓް ބަންޑުންޖަހާލައި އެބޯޓުން ދަތުރުކުރި 122 މީހުންގެ ތެރެއިން 24 މީހަކު ނިޔާވެ، 2 މީހަކު ވީނުވީއެއް ނޭނގި ގެއްލުނު ރެއަށެވެ. އެރޭގެ ބިރުވެރިކަމާއި ހިތްދަތިކަން އިޙްސާސްކުރެވުނު ކިތަންމެ އާއިލާތަކެއް މިއަދުވެސް ތިބިއިރު، އެހުރިހާ ކަމެއް މިއަދުވެސް ލޯ ކުރިމަތިން ހިނގާ ކަހަލައެވެ. ވަނީ ބިންވަޅު ނެގިފައެވެ.

undefined

މިކާރިސާ ހިނގި ދަތުރަކީ ގއ.ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއްބެލުމަށް ގދ.ތިނަދޫއިން އެރަށަށް ދިޔަ މީހުން އެނބުރި ތިނަދޫއަށް ކުރިދަތުރެވެ. ދިވެހި ލީގަށް ކޮލިފައިވާން ޒޯންހަތެއްގެ ގދ.ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ. ވިލިނގިލީ މަސްވެރިންގެ ކުލަބް ވިލިނގިއްލާ ބައްދަލުކުރި މެޗެވެ. މި މެޗުން ތިނަދޫ ޓީމު ވީ ބައްޔެވެ. ތިނަދޫ ސަޕޯޓަރުންނާ އެކު، ރަށަށް އެނބުރި ދިޔުމަށް "އެނަމާ" މިސްރާބު ޖަހާލީ އިރުއޮއްސި 6:50 ހާއިރު އެވެ.

undefined

122 މީހުންނާއެކު ދަތުރު ފަށައިގެން ބައިގަޑިއެއްހާއިރު ވީތަނާ ބޯޓުގެ އިންޖީނު ހުއްޓުނެވެ. ނަމަވެސް އޭގެ ފިލްޓަރެއް ބަދަލުކޮށް ބޯޓުގެ ދަތުރު އަލުން ފަށައި މިސްރާބު ހުރީ ތިނަދޫއަށެވެ. އިތުރު މައްސަލައެއް ނެތި ވައި މަޑު އަދި ކަނޑު މަޑު ދުވަހެއްގެ ހަމަހިމޭން ކަމާއެކު ދަތުރުކުރަމުންދިޔަ އެނަމާބޯޓަށް މިކާރިސާއާ ކުރިމަތިވީ ބޯޓުގައި ގިނައަދަދެއްގެ ބަޔަކު މަޖާކޮށް ސަކަރާތްޖަހަމުންދަނިކޮށް ވަރަށް ކުއްލިގޮތަކަށް އެރޭ 8:30ކަންހާއިރުއެވެ. މިކާރިސާ ހިނގާފައިވަނީ އެނަމާބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ 'އަރުތަ'ނަމަކަށް ކިޔާ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވާ ބަންޑުންޖަހާލައިގެންނެވެ.

undefined

އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައިރު އޭގައި 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10ފުޅި ނޫން އެއްވެސް މުދަލެއް ބަރުކޮށްފައި ނެތެވެ. މިހާމަދު މުދަލާއެކު އެހާގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުންޖަހާލުމުގެ ސަބަބެއްކަމަށް ބެލެވެއެވެ.

އެހީއަށް އެދި ގޮވުމުން މަސްދޯންޏަކުން ދިނީ ބީރު ކަންފަތެއް

ގއ. ދާންދޫ "މިޔަރެން" ދޯނި ވެސް ވަނީ މިކާރިސާ ހިނގިވަގުތު އެސަރަހައްދަށް ގޮސްފައެވެ. ނަމަވެސް އެހީވުމަށް ދިނީ ބީރުކަންފަތެކެވެ. އެވަގުތު އެ ދޯންޏަށް މުހިންމުވީ ކަނޑުވި މީހުންނަށް އެހީވުމަށްވުރެ ބޮޑަށް ބޭނި 12ޓަނުގެ މަސް ކިރުވުމަށް ކޫއްޑޫއަށް ދިޔުމެވެ.

"އަޅުގަނޑުމެން ކަނޑުވެފައި ތިއްބާ ވަރަށް އަލިގަދަ ދޯންޏެއް އައީ ބޯޓާއި ވަރަށް ކައިރިން. މޫދުގައި ތިބިއިރުވެސް ފެނޭ އެދޯނީގައި މަސްތިބިތަން. ނަމަވެސް އަޅުގަނޑުމެން ގޮވަން ފެށިން ސަލާމަތް ކޮށްދީބަލާށޭ. އެހެން ބުނީމާ އެދޯނީގެ މީހުން ބުނީ ތިމަންނާމެން މިދަނީ މިވެނި ޓަނުގެ މަސްބާނާއިގެން މަސްކިރަން ކޫއްޑޫ އަށޭ. ތިމަންނާ މެންނަށް މަސްއުކާލާފައި ނޭރުވޭނެޔޯ. އެދޯނި ދުރުން ފެނުނު އިރުވެސް އައި ބާރުމިނުގައި އެހާާ ކައިރިން ދިޔަ އިރުވެސް ދުއްވީ. އެދޯނީގެ ރާޅުގައި ޖެހިފައިވެސް އެތަކެއް ބަޔަކަށް އަނިޔާވި. އަޅުގަނޑަަށް ހީވަނީ މީހުން ގެއްލެން ވެސް ގެއްލުނީ އެހެންހެން." - މިއީ މި ހިތާމަވެރި ކާރިސާއިން ސަލާމަތްވި މީހަކު ހިއްސާކުރި ވާހަކައެވެ.

އެނަމާ ބޯޓަށް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ރާޅު އުފައްދާފައި ކައިރިން ދިޔަ ތިނަދޫ އަރުތަ ދޯންޏެވެ. ތިނަދޫ 'އަރުތަ' ދޯންޏާއެކު ދާންދޫ 'މިޔަރެން' ދޯނިންވެސް ކަނޑުވި މީހުން ސަލާމަތްކުރުމަށް އެހީތެރިކަން ފޯރުކޮށްދިން ނަމަ އެމީހުންގެ ތެރެއިން ގިނަބަޔަކު ސަލާމަތްކުރެވުނީސް ކަމަށް މި ކާރިސާއިން ސަލާމަތްވި މީހުން ވަނީ ބުނެފައެވެ.

undefined

މި ކާރިސާއިން ސަލާމަތްވި ގިނަ މީހުންނަށް ވަނީ ނަފްސާނީ ގޮތުން އަސަރު ކޮށްފައެވެ. މިއަދާ ހަމައަށް ވެސް މި ކާރިސާއިން އަރައި ނުގަނެވޭ އެތައް ބަޔަކު އެބަ ތިއްބެއެވެ.

20 އަހަރު ކުރީގެ ވާހަކަ އަކަށް މިހާދިސާ ވީކަމުގައި ނަމަވެސް، ލޯކުރިމަތިން އެތަކެއް ގާތް ބަޔަކު މަރުވެ، އެތަކެއް ބަޔަކަށް އަނިޔާލިބި، އެތަކެއް ބަޔަކު ގެއްލިގެން ދިޔުން ވެގެން ދިޔައީ ހަނދާން ނައްްތާލަން ފަސޭހަ ކަމަކަށް ނޫނެވެ. އަދާ ހަމައަށްވެސް، "އެނަމާ" ބޯޓް ކާރިޘާގައި ޝަހީދުވެ ދިޔަ މީހުންގެ ހަނދާންތަށް އާ ވާހިނދު، އެހަނދާންތަކަކީވެސް، އެދުވަހުގެ ބިރުވެރިކަމަކީވެސް، އެބޯޓް އިން ދަތުރުކުރި އެތަކެއް ބައެއްގެ ހަނދާނާއި ގުޅިފައިވާ ކަންކަމެވެ.

މާތްﷲ، އެދުވަހު ބޯޓުން ދަތުރުކޮށް ޝަހީދުވެ ދިޔަ އެންމެހާ ފަރާތްތަކުގެ ފާފަ ފުއްސަވާ އެފަރާތްތަކުގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވާށި! އާމީން.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ