
-
މިދިޔަ ފެބްރުއަރީ މަހުގައި 2.33 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 33.7 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މި ފެބްރުއަރީގައި ލިބޭނެ ކަމަށް އަންދާޒާކުރިވަރަށްވުރެވެސް 22.3 އިންސައްތަ އިތުރު އަދަދެއް ކަމަށް އެއިދާރާއިން ބުނެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ ގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު މި އަހަރުގެ ފެބުރުއަރީގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާތީ ކަމަށް މީރާއިން ބުނެއެވެ.
މިދިޔަ އަހަރުގެ ޖަނަވަރީއާ އަޅާބަލާއިރު މި އަހަރުގެ ޖަނަވަރީގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 11.5 އިންސައްތަ އިތުރުވުމުގެ ސަބަބުން، ފެބްރުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ ފެބްރުއަރީއާ އަޅާބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން ބުނެއެވެ.
މީގެއިތުރުން، އެކްސްޕަޓްރިއޭޓް ކޯޓާ ފީ އިން އާމްދަނީ ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ކަމުގައިވާތީ، އެ އަހަރުގެ ފެބްރުއަރީ މަހު މި އާމްދަނީ ބަލައިގެންފައިނުވާތީ އަދި މި އަހަރު މި އާމްދަނީ ބަލައިގެންފައިވާތީ، މިދިޔަ އަހަރާ އަޅާބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ބުނެއެވެ. އަދި ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައިނުވާ ބައެއް ފައިސާ، މި މުއްދަތުގެ ތެރޭގައި ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.
މިދިހަ މަހު މީރާއިން ބަލައިގެން އާމްދަނީ:
- ޖީއެސްޓީ -1.63 ބިލިއަން ރުފިޔާ
- ޓެކްސް - 246.36 މިލިއަން ރުފިޔާ
- ގްރީން ޓެކްސް - 102.85 މިލިއަން ރުފިޔާ
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ - 91.08 މިލިއަން ރުފިޔާ
- ޑިޕާޗާ ޓެކްސް - 89.48 މިލިއަން ރުފިޔާ
- އެހެނިހެން ޓެކުހާއި ފީ - 168.78 މިލިއަން ރުފިޔާ
ފެބްރުއަރީ ގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 100.34 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނޭކަމަށް މީރާއިން މައުލޫމާތުދެ އެވެ.
ގުޅުންހުރި

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް، ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ގަސްދުގައި ޓެކުހަށް މަކަރު ހަދާކަމުގެ ތުހުމަތުގައި ބޭސް ވިއްކާ ފަރާތަކަށް ދައުވާކުރަން ފޮނުވައިފި

އޭޕްރިލް މަހު ދައުލަތުގެ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ
