އައްޑޫ ސިޓީ ހިތަދޫގައި ޓޫރިޒަމް ޒޯން ތަރައްޤީ ކުރާނެ ބައެއް ހޯދަނީ
އަލްފާ އަލީ
3/13/2024, 8:13:29 AM
-
އައްޑޫ ސިޓީގެ ހިތަދޫގައި ޓޫރިޒަމް ޒޯން ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ، އައްޑޫ ސިޓީ ހިތަދޫ އީދިގަލި ޓޫރިޒަމް ޒޯންގައި 21،007.39 އަކަ މީޓަރުގެ ބިމެއްގައި ޓޫރިސްޓް ފެސިލިޓީތައް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ބިން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 50 އަހަރަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެތަނުގައި ސިޓީ ހޮޓަލެއްގެ އިތުރުން ޓޫރިޒަމާއި ގުޅުންހުރި ފެސިލިޓީތައް ގާއިމްކުރަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑިން ޑޮކިއުމެންޓް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން މެންދުރު 12:30 އިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ލިބޭނެ ކަމަށް ކަމަށް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.
ބީލަން ލިޔުންތައް ގަނެވޭނީ ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް އީމެއިލް ކޮށްގެންނެވެ. އެކަމަށް އެދޭ ފޯމް ކައުންސިލްތަކުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
އެ އިއުލާންގައި ބުނެފައިވާގޮތުން 100 އިންސައްތަ ދިވެހި ކުންފުނިތަކުގެ ނުވަތަ ޕާޓްނަރޝިޕްތަކުގެ ބިޑިންގ ޑޮކިއުމަންޓްސެޓެއްގެ އަގަކީ 10،000.00 (ދިހަ ހާސް) ރުފިޔާ އަދި ބިދޭސީންނަށް 700 ޑޮލަރެވެ.