
ވާދޫގެ ބިން ބޭނުންކޮށްގެން ރަށުގެ އިޤުތިޞާދު ކުރިއެރުވުމަށް އިސްކަން ދޭނަން - ރައީސް
# ގދ. ވާދޫ# ރައީސް މުއިއްޒު-
ގދ. ވާދޫގެ ބިން ބޭނުންކޮށްގެ ރަށުގެ އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ގދ. ވާދޫ ކައުންސިލާއި ވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވަޒީފާގެ ފުރުޞަތު އިތުރުކުރުމާއި ރަށުގެ އިޤުތިޞާދީ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާ ކަންކަމާއި، ބަނދަރުގެ ޖާގަ އިތުރުކުރުމަށް ބޭނުންވާކަމާއި، މަގުތައް ހަލާކުވެފައި އޮތުމުގެ ސަބަބުން މަގު ބޭނުންކުރުމުގައި ހުރި ދަތިތަކާއި، އަދި ތަރައްޤީގެ ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންތައް ހިމެނެއެވެ. މީގެ އިތުރުންވެސް ރަށުގެ އިޤުތިޞާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެރަށުގައި ހައުސިންގ ޔުނިޓްތައް އަޅަން ބޭނުންވާކަމާއި، އައުޓްޑޯ ޖިމް، ފަތާ ޓްރެކް އަދި އ.ތ.މ. ކޮމިޓީއަށް އިމާރާތެއްގެ ބޭނުންތެރިކަންވެސް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ވާދޫގެ ބިން ބޭނުންކޮށްގެން ރަށުގެ އިޤުތިޞާދު ކުރިއެރުވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ދަނޑުވެރިކަން ކުރިއަރުވައި، ރާއްޖޭގައި ކާނާގެ ރައްކާތެރިކަން ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި، ދަނޑުވެރިކަމާ ގުޅޭ އިންވެސްޓްމަންޓުތައް އެރަށަށް ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެރަށުގައި ނުފެށިހުރި މަޝްރޫޢުތައް ފަށްޓަވައިދެއްވުމަށް ސަމާލުކަން ދެއްވާނެކަމަށާއި، އަދި ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުންހުރި

ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ނިންމައިފި

އަދަދު ޑޮކިއުމެންޓަރީގައި ހުރީ ކަނޑައެޅިގެން ދޮގު، އެވާހަކަތައް ފެތުރި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނަން - ރައީސް

ދިވެހި ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ 3.3 ބިލިއަން ރުފިޔާ ހަމަސްދުވަހުގެ ތެރޭގައި ދައްކައިފި




