.jpg&w=3840&q=75)
ކްރިސްޓަލް ޕެލަސް އާއި އެވަޓަންގެ ކުރިމަތިލުން އެއްވަރު
# އެވަޓަން # ކްރިސްޓަލް ޕެލަސް # އިނގިރޭސި ޕްރެމިއާ ލީގު# ބޭރު ދުނިޔޭގެ ކުޅިވަރުއެވަޓަންގެ މިޑްފީލްޑަރު އޮނާނާ އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދެނީ
އިގިރޭސި ޕްރެމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް އެވަޓަން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

އެވަޓަން އެންމެ ފަހުން ކުޅުނު ފަސް މެޗުން އެޓީމަށް މޮޅެއް ހޯދިފައިނުވާ އިރު އޭގެ ތެރެއިން ދެ މެޗުން އެޓީމު ބަލިވިއިރު ، ތިން މެޗު ނިމިފައި އެއްވަރުވެގެން ނެވެ. އަދި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އެވަޓަން އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓުކުރި ނަމަވެސް މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކްރިސްޓަލް ޕެލަސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ގާނާ ފޯވާޑް ޖޯޑަން އަޔޫވް އެވެ. މިއީ އެޓީމުގެ ފްރާންސް ފޯވާޑް ޖީން ފިލީޕް މަޓެޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އެވަޓަން އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު އޮނާނާ އެވެ. މީގެ އިތުރުން ވެސް މިހާފުގައި އެވަޓަން އިން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއާއެކު ލީގުގައި ކުޅުނު 25 މެޗުން ކްރިސްޓަލް ޕެލަސް އަށް 25 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 15 ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން އެވަޓަން އަށް 20 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 17 ވަނައިގައެވެ.