ބީސީސީން އިންތިޒާމްކޮށްގެން ބާއްވާ ކްރިއޭޓަރސް ކޮންފްލުއެންސް ފަށައިފި
އަލްފާ އަލީ
2/17/2024, 11:08:42 AM
-
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ކުރިއަށް ގެންދާ، ކްރިއޭޓަރސް ކޮންފްލުއެންސް ފަށައިފިއެވެ.
މި ކޮންފުލުއެންސަކީ، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިޤުތިޞާދެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހިމެނުމަށާއި ބީސީސީން ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ، "ކްރިއޭޓަރ ހަބް"ގައި ޤާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާއާއެކު ޤާއިމްކުރެވޭ ވަސީލަތްތަކަކަށް ހެދުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ގުޅިގެން ބީސީސީގެ އިސްނެގުމުގެ މަތިން ބާއްވާ ބައްދަލުވުމެކެވެ.
ނޭޝަނަލް އަރޓް ގެލެރީގައި ފެށި މި ކޮންފުލުއެންސް މިރޭ 10:00އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފަންނުވެރިކަމުގެ އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ މި ކޮންފުލުއެންސްގައި އެކި ދާއިރާތަކުގައި ޙަރަކާތްތެރިވާ ޒުވާނުންނާއި ދާއިރާގެ ތަޖްރިބާކާރުން ބައިވެރިވެ ޚިޔާލާއި މަޝްވަރާ ދޭނެކަމަށް ބީސީސީއިން ބުނެއެވެ.
މިފަދަ ކޮންފުލުއެންސްތައް ވެގެންދާނީ މި ދާއިރާއަށް ބޮޑެތި ކުރިއެރުން ގެނައުމަށް މަގުފަހިވެގެންދާނެ ކަމަކަށްކަމަށް ބީސީސީން ބުނެއެވެ. ބީސީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި މިފަދަ އިތުރު ކޮންފުލުއެންސްތަކާއި ބައްދަލުވުންތައް ބާއްވައި އެކި ދާއިރާތައް ކުރިއެރުވުމުގައި އެ ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމެވެ.
"ކްރިއޭޓަރ ހަބް" އަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓަރ ހަބް ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށެވެ.
ބީސީސީން ޤާއިމްކުރާ ކްރިއޭޓަރ ހަބް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23ގައެވެ. މި އިމާރާތުގެ މަސައްކަތް މިހާރު ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައެވެ. 1500 އަކަފޫޓުގެ ޖާގައެއްގައި ޤާއިމުކުރުމަށް ނިންމާފައިވާ ކްރިއޭޓަރ ހަބް ހުޅުވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ.
ބިޒްނަސް ސެނqޓަރ ކޯޕަރޭޝަނަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެ ދިނުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.