
ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސްގެ މެމްބަރުން ---
މި އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް، ފަނޑިޔާރުން އައްޔަންކޮށްފި އެވެ.

އިސްތިއުނާފީ މަޖިލީހަކީ ޖޭއެސްސީގެ ދަށުން ހިންގާ މަޖިލީހެކެވެ. މި މަޖިލީހަކީ ފަނޑިޔާރުންނާ ގުޅޭ ޝަކުވާއެއް ބަލައި، ޖުޑިޝަލް ޖޭއެސްސީން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން އެހެން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި އެކުލަވާލާފައިވާ މަޖިލީހެކެވެ.
ކޮންމެ އަހަރަކުވެސް، ފަނޑިޔާރުންގެ އިސްތިނާފު މަޖިލީހަށް ތިން ފަނޑިޔާރަކު އައްޔަންކުރާއިރު، މި މަޖިލީހުގައި ސުޕްރީމް ކޯޓުން އައްޔަންކުރާ ފަނޑިޔާރަކާއި، ހައި ކޯޓުން އައްޔަންކުރާ ފަނޑިޔާރަކާއި، ސުޕީރިއަލް ކޯޓުތަކުން އައްޔަންކުރާ ފަނޑިޔާރަކު އިންނަވައެވެ.
މި އަހަރު އިސްތިއުނާފީ މަޖިލީހަށް އައްޔަންކޮށްފައިވާ ތިން ފަނޑިޔާރުންނަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒ މުޙައްމަދު ސަލީމްގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޒީ ޙުސައިން ފާއިޒް ރަޝާދެވެ.
މިދިޔަ އަހަރު ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ތިއްބެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދާއި ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ އިތުރުން ޖުވެނައިލް ކޯޓުގެ ޤާޒީ އަޙްމަދު ޝަރީފެވެ.