
ައައު މާރުކޭޓާއެކު ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
# ރައީސް މުއިއްޒު# ލޯކަލް މާރުކޭޓުރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ---
ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ތަރައްގީކުރާ އައު މާރުކޭޓާއެކު ވިޔަފާރިވެރިންގެ މިހާރު ހުރި ކަންބޮޑުވުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ, އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.
ހއ. ބާރަށު، މަދޮށިމާގޭ ޢަބްދުﷲ އިބްރާހީމް މަނިކު ވަނީ, މާލޭގެ މާރުކޭޓުގެ ހާލަތާއި ބިދޭސީން އެތަންތަނުގައި ކުރަމުން އަންނަ ވިޔަފާރިއާ ގުޅޭ ކަންބޮޑުވުން ރައީސް އާ ހިއްސާކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައު މާރުކޭޓާއެކު އެ ހުރިހާ ކަމެއް ހައްލުވެގެންދާނެ ކަމަށެވެ. އެގޮތުން، ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ޒަމާނީ، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ހުންނަ ފެންވަރުގެ މާރުކޭޓެއް އެޅުމުގެ މަގު މިހާރު މާލެ ސިޓީ ކައުންސިލަށް ފަަހިކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައު މާރުކޭޓުގައި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ހުރިހާ ބާވަތެއް ވިއްކާނެ ޖާގަ ހުންނާނެ ކަމަށާއި, އައު މާރުކޭޓު ވެގެންދާނީ މިހާރު ބޭނުންކުރާ މާރުކޭޓުގެ ގޮޅިތަކަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް ގޮޅިތަކެއް ހިމެނޭ މާރުކޭޓަކަށް ކަމަށެވެ. އަދި މި މާރުކޭޓާއެކު ބިދޭސީން މާރުކޭޓުގައި ކުރަމުން އަންނަ ވިޔަފާރިތައްވެސް ހުއްޓުމަކަށް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އައު މާރުކޭޓުގެ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށިގެން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ މާރުކޭޓުގެ މަސައްކަތް ފެށުމުން ލޯކަލް މާރުކޭޓުގައި މިހާރު ވިޔަފާރ ކުރާ ފަރާތްތައް ވަގުތީ މާރުކޭޓަކަށް ބަދަލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖުމްލަ ހަތް ފަންގިފިލާއަށް ހަދާ އައު މާރުކޭޓުގައި އެންމެ ތިރީ ފަންގިފިލާ ޚާއްޞަ ކުރަނީ މަސްމާރުކޭޓަށެވެ. އެ މާރުކޭޓުގެ 1،2،3 ވަނަ ފަންގިފިލާ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ވިއްކާތަކެއްޗަށް ޚާއްޞަކުރުމަށް ނިންމާފައިވެއެވެ. އެންމެ މަތީ ފަންގިފިލާގައި ކޯލްޑް ސްޓޯރެޖަކާއެކު މާރުކޭޓެއް ހަދާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ. އަދި ބޭސްމެންޓުގައި ޕާކިންގ ޒޯނެއްވެސް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ބާޒާރުގައި އޮރެންޖްގެ އަގުތައް ތިރިވެއްޖެ

ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރިންނަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

ރާއްޖޭގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފި

.gif&w=3840&q=75)



