ކުއާޓާ ފައިނަލުގައި އެންގޯލާ ބަލިކޮށް ނައިޖީރިއާ ސެމީ ފައިނަލަށް
ހަސަން ޝަމްއޫން
2/2/2024, 9:47:57 PM
ކުއާޓާ ފައިނަލުގައި އެންގޯލާ ބަލިކުރުމަށްފަހު ނައިޖީރިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ
އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އެންގޯލާ އާއި ނައިޖީރިއާ ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނައިޖީރިއާ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެފްރިކާގެ ޗެމްޕިއަންކަން ތިންފަހަރު ހޯދާފައިވާ ނައިޖީރިއާ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި 2-0 ގެ ނަތީޖާއަކުން ކެމަރޫން ބަލިކުރުމަށްފަހު އެވެ. އަދި އެންގޯލާ އިން ކުއާޓާގެ ފުރުސަތު ހޯދީ ދެވަނަ ބުރުގައި 3-0 ގެ ނަތީޖާއަކުން ނަމީބިއާ ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ނައިޖީރިއާގެ ފޯވާޑް އޯސިމެންއަށް ލަނޑުޖަހާނެ ރަގަޅު ހުސް ދެ ފުރުސަތު ލިބި ބޭނުން ނުކުރެވި ދިޔަ އިރު، އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓްލާންޓާގެ ފޯވާޑް އެޑެމޯލާ ލުކްމޭން އެވެ. މިއީ އެޓީމުގެ ފޯވާޑް މޫސަސް ސައިމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ނައިޖީރިއާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ވެސް ދެޓީމުން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ނައިޖީރިއާ ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ސެމީފައިނަލްގައި މިމަހުގެ 7 ވަނަ ދުވަހު ނައިޖީރިއާ އިން ނުކުންނާނީ މާދަމާ ރޭ ކޭޕް ވާޑް އާއި ސައުތު އެފްރިކާ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.