މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އަލްފާ އަލީ
1/30/2024, 5:07:44 AM
އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް އާއި ނައިބު ރައީސް އިސްމައިލް ހަބީބް ---
ކުރިއަށް އޮތް 20ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ފެބްރުއަރީ 14ވަނަ ދުވަހާ ހަމައަށެވެ. މިކަމުގެ އެޕްލިކޭޝަން ފޯމު ހުށަހެޅުމާއި ބަލައިގަތުން ކުރިއަށް ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ފޯމު ބަލައިގަތުން ހުކުރު ދުވަހު ކުރިއަށްދާނީ އެދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށްކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުންދައްކަން ޖެހޭ އެޕްލިކޭޝަން ފައިސާ މިފަހަރު ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މިފަހަރު އެޕްލިކޭޝަން ފީ ނަގުދު ފައިސާއިން ބަލައި ނުގަންނާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމައިލް ހަބީބް ވިދާޅުވީ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ 2024 މާރިޗް 17 ވާ އާދީއްތަ ދުވަހުކަމަށާއި، އެހެންނަމަވެސް، އިންތިހާބުތަކާ ބެހޭ ޢާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީޚަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ގާނޫނަށް ގެނެވޭ ބަދަލަކުން އިންތިހާބު ބާއްވާ ތާރީޚު ފަސްކުރަން ޖެހިއްޖެނަމަ، އީސީ އޮންނާނީ އެކަމަށް ތައްޔާރުވެގެން.ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.