ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާދެވޭނެ ގޮތެއް އޮތްތޯ ބަލަމުން މިދަނީ - ވަޒީރު
އައިޝަތު އިފާޝާ
1/27/2024, 4:35:46 AM
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙިމް
ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ, ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ތިނަދޫ ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ޅެން ބޭނުންކޮށްގެން ނަފްސާނީ ކަންކަމަށް ފަރުވާ ދިނުމަކީ ކުރިއަރާފައިވާ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރެވޭ ކަމެއް ކަމަށާއި, މިކަން ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ކުރެވޭތޯ ބެލުމުގެ މަސައްކަތެއް އެމިނިސްޓްރީން ކުރަމުންދާ ކަމަށެވެ.
"މިއީ ޅެންވެރިކަމަށް އެހެން ނަޒަރަކުން ބަލާލުން. ދިވެހި ޅެންވެރިންނާއި، ދިވެހި ޅެން ބޭނުންކޮށް ކުރެވިދާނެ ކަމެއްތޯ މި ދިރާސާކުރަނީ. ފަރުވާ ދެވިދާނެކަން ދިރާސާއިން އެނގިއްޖެނަމަ އެކަން ތަޢާރަފްކުރާނަން. މިކަން ކާމިޔާބުވެއްޖެނަމަ ދިވެހި ޅެން މުޅިން އެހެން ދަރަޖައަކަށް ގެންދެވޭނެ." ވަޒީރު އާދަމް ނަސީރު އިބްރާޙިމް ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ މިހާތަނަށް މި މަސައްކަތުގައި އެހީތެރިވި ފަރާތްތަކުން މިއީ ކުރެވިދާނެ ކަމެއް ކަމަށް ބުނެފައިވާ ކަމަށާއި މިއީ ކުރަންވެއްޖެ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. އަދި އުއްމީދަކީ މާ ލަހެއް ނުވެ މިކަން ހަގީގަތަކަށް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން ޅެމަކީ އޭގެއިން ސިއްހީ ފަރުވާ ދެވޭ ވަސީލަތެއް ކަމަށާއި އަދި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދީ، ފިކުރުތަކާއި ދުރުކުރެވިދާނެކަން ދިރާސާތަކުން ދައްކާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ ޅެންވެރިކަމުގެ ދުވަހުގެ ޝަރަފުވެރިޔާ އަބްދުﷲ ޢަފީފްގެ ޅެންފޮތް "އަލިދޯދި"ވަނީ ނެރެފައެވެ. އަދި ޢަފީފުގެ ހަޔާތްޕުޅާއި ޚިދުމަތުގެ މައްޗަށް އެކުލެވޭ ރިޕޯޓެއްވެސްވަނީ ދައްކާފައެވެ.