ބާސެލޯނާ ކޮޅަށް ލަނޑުޖެހުމަށް ފަހު އެތްލެޓިކް ބިލްބާއޯ ކުޅުންތެރިން އުފާފާޅުކުރަނީ
ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި 4-2 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިކޮށް އެތްލެޓިކް ބިލްބާއޯ އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ބިލްބާއޯ ގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަަމަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ގޯރްކާ ގުރުޒެޓާ އެވެ.
ބާސެލޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ އެވެ. މިއީ ބިލްބާއޯ ގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ 6 މިނެޓް ފަހުން ބާސެލޯނާގެ ޒުވާން ފޯވާޑް ލަމައިން ޔަމާލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
މިއީ ބިލްބާއޯގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފު ވަރުގަދަކޮށް ފެށީ ބިލްބާއޯ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އޮއިހާން ސަންސެޓް އެވެ. މިއީ އެޓީމުގެ ޒުވާން ފޯވާޑް ނިކޯ ވިލިއަމްސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބާސެލޯނާގެ ގޯލު އޭރިޔާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ބޮލުން ކުރިއަށް ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ބިލްބާއޯ ނިކޯ ވިލިއަމްސް އަށް ވަރަށް ހުސް ތިން ފުރުސަތެއް ލިބި ބޭނުން ނުކުރެވި ދިޔައިރު، މިހާފުގައި ބާސެލޯނާ އިން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޒުވާން ފޯވާޑް ލަމައިން ޔަމާލް އަށެވެ. ބިލްބާއޯ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ކީއްޕަރު ކައިރިން ނައްޓާލުމަށް ފަހު ޔަމާލް ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.
މިއާއެކު މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު 15 މިނެޓްގެ ދެ ހާފްގެ ތެރެއިިން ފުރަތަަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ބިލްބާއޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ފޯވާޑް އިނާކީ ވިލިއަމްސް އެވެ. އަދި އިތުރު ވަގުތުގެ ދެވަނަ ހާފުގެ އެންމެ ފަހު މިނެޓްގައި ބިލްބާއޯގެ ލީޑު ފުޅާކޮށްދިނީ ޒުވާން ފޯވާޑް ނިކޯ ވިލިއަމްސް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ ކުރީގައި އޮވެގެންނެވެ.