
Mabrook
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަކީ ޓީމް ކެޕްޓަނެއް ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންނާއެކު މާލޭގައި މިރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މަބްރޫކް ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ރާއްޖޭގެ އެއްވެސް ރައީސަކު ނުކުރައްްވާ ވަރަށް ރަށްރަށުގައި ނަރުދަމާ އެޅިއްޖެ ކަމަށާއި، ރަށްރަށުގެ މަގުތައް ހެދިއްޖެ ކަމަށެވެ. ރާއްޖޭގެ ތަރައްގީއަށް ރައީސް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް މަބްރޫކް ވިދާޅުވީ، އެމަނިކުފާނަށްް ފާހަގަކުރެވުނު އެއްކަމަކީ ރައީސް ސޯލިހަކީ ޓީމް ކެޕްޓަނެއް ކަމަށެވެ.
އަޅުގަނޑު ރައީސް ޞާލިޙަށް އިތުބާރު ކުރަނީ ދިވެހިންނާއެކު، ދިވެހިންގެ ވެރިކަމެއް ގެނެސްދޭނެތީ. ރާއްޖެއަށް މިހާތަނަށް އައި ރައީސުންގެ ތެރެއިން އެންމެ ގިނަ އަތޮޅުތަކުގެ ކައުންސިލްތަކާ ބައްދަލު ކުރެއްވީ ރައީސް ޞާލިޙު. މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު އެމަނިކުފާނު ވިދާޅުވާ ބަހުގައި ހިފަހައްޓަވާކަމަށާއި، މި ހުރިހާ ކަމަކަށްވުރެ އެމަނިކުފާނަށް އެންމެ އުޖާލާ މަންޒަރަކީ މަތީ ތައުލީމަށް ސޯޅަ ހާސް ކުދިން ސަރުކާރުގެ ޚަރަދުގައި ކިޔަވަމުންދާ ކަން ކަމަށެވެ.