
ފަސޭހަކަމާއި އެކު ކޮރެއާ 4-1 ން ބަލިކޮށް، ބުރެޒިލް ވޯލްޑްކަޕްގައި 18 ވަނަ ކުއާޓާ ފައިނަލަށް!
# ވޯލްޑް ކަޕް 20223503603-71419228-2560-1440
ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ ބުރުގައި ސައުތު ކޮރެއާ 4-1 ން ބަލިކޮށް ބުރެޒިލް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފިއެވެ. މިއީ ބްރެޒިލްއިން ވޯލްޑް ކަޕު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭނެ 18 ވަނަ ފަހަރެވެ.

އަނިޔާގެ ސަބަބުން ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗުގައި ބުރެޒިލް ޓީމުގައި ނުހިމެނުނު ނޭމާ، މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅުނު އިރު މެޗުގެ ފުރަތަމަ ހާފު ބުރެޒިލް އިން ނިންމާލީ 4-0 ގެ ނަތިއްޖާއަކުން ކުރީގައި އޮވެގެންނެވެ. މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބުރެޒިލްގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެން ގޮސްފައިވާ އިރު މެޗުގެ 7 ވަނަ މިނެޓަގައި ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް، ވިނީޝިއަސް ޖޫނިއާ ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލިޑު ހޯދައިދީފައެވެ. މިއީ އޭނާ ބްރެޒިލްގެ ޖާޒީގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
ބުރެޒިލްގެ ދެވަނަ ލަނޑަކީ އެޓީމުގެ ރިޗާލިސަންއަށް ކޮރެއާގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ނޭމާ ކާމިޔާބުކޮށްދިން ގޯލެކެވެ. ނޭމާ އެންމެފަހުން ޤައުމީ ޓީމަށް ޖަހައިދިން ހަ ލަނޑަކީވެސް ޕެނަލްޓީއިން އޭނާ ކާމިޔާބުކުރި ލަނޑުތަކެކެވެ. މީގެއިތުރުން، ފުޓުބޯޅައިގެ ތާރީޚުގައި، ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ހަދާފައިވާ ބްރެޒިލްގެ ލެޖެންޑް، ޕެލޭ ޤައުމީ ޓީމަށް ކާމިޔާބުކޮށްދީފައިވާ 77 ލަނޑުގެ ރެކޯޑާ އަރާ ހަމަކުރަން މިހާރު ނޭމާއަށް ބޭނުންވަނީ އެންމެ ލަނޑެކެވެ. ނޭމާ ވަނީ މިރޭ ކާމިޔާބުކުރި ލަނޑާއެކު ބުރެޒިލް ޤައުމީ ޓީމަށް ޖުމްލަ 76 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ބުރެޒިލްގެ ތިންވަނަ ލަނޑު ރިޗާލިސަން ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ލަނޑު 36 ވަނަ މިނެޓަގައި ކާމިޔާބުކޮށްދިނީ ލޫކަސް ޕަކޭޓާއެވެ. މިއީ ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕަކޭޓާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް ބްރެޒިލްއިން މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި ދެވަނަ ފަހަރެވެ. މީގެކުރިން 1954 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްއިން ވަނީ މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖަހާފައެވެ.
ދެވަނަ ހާފުގައި ސައުތު ކޮރެއާގެ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް، ނުރައްކާތެރި ހަމަލާތަކެއް ބުރެޒިލްގެ ގޯލައްއަމާޒުކޮށް ފޮނުވާލާފައެވެ.. ކޮރެއާޓީމުން ކުރިއަށްޖެހި ލަނޑެއްޖެހޭތޯ ކުރަމުން އައި މަސައްކަތް ކާމިޔާބުވީ ދެވަނަ ހާފުގެ 76 ވަނަ މިނެޓްގައެވެ. މިއީ އޭރިއާ ބޭރުން ލިބުނު ފުރުސަތެއްގައި ޕައިކް ސެއަންގް ހޯ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމުން ކާމިޔާބު ކުރި ލަނޑެކެވެ.
މި ނަތީޖާއާއިއެކު ބްރެޒިލްއިން ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، އެޓީމާ ދެކޮޅަށް ކުއާޓާގައި ކުޅޭނީ ޖަޕާންގެ މައްޗަށް ޕެނަލްޓީގައި ކުރިހޯދި ކްރޮއޭޝިއާއެވެ.