އިއްޔެ ރާއްޖޭގައި ޖަހަންފެށި ކޮވިޝިލްޑް ވެކްސިން މިއަދު ހުވަދު އަތޮޅަށް ގެނެސް، ހުވަދުއަތޮޅުގެ އެންމެ ފުރަތަމަ ވެކްސިން ޑރ.އާޒިމް އަބްދުއްޝުކޫރަށް ދީފިއެވެ.
ޑރ.އާޒިމް އަބްދުއްޝުކޫރަކީ، ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އެންޑް މެޑިކަލް ޑިޕާޓްމަންޓް ގެ އިންޗާރޖެވެ.
ގާފު" އަށް މައުލޫމާތު ދެއްވަމުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު، އަހުމަދު ސައީދު ވިދާޅުވީ ވެކްސިން ދެމުންގެންދާނީ "ޕްރިއޮރަޓައިޒް" ކޮށްގެން ފްރޮންޓްލައިނުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން މިއަދު 20 މުވައްޒަފަކަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި މިއަދު ވެކްސިން ދޭން ފަށާފައިވާއިރު، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ދޭން އެޗްޕީއޭއިން ފޮނުވި ވެކްސިންތައް މިއަދު ހެނދުނު ވަނީ ހޮސްޕިޓަލަށް ލިބިފައެވެ. އެ ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި ކޮންމެ ދުވަހަކުވެސް ޝެޑިއުލް ކުރެވިގެން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ އެވެ. އަދި ކޮންމެ ދުވަހަކުވެސް ވައިގެ މަގުން ވެކްސިން ލިބޭނެ ކަމަށްވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.