ގއ. ކޫއްޑޫގައި މިފްކޯއިން ހިންގާ މަސް ފެކްޓަރީގެ ކެޕޭސިޓީ އިތުރު ކުރުމުގެ ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވެއްޖެ އެވެ.
މިފްކޯގެ ކޫއްޑޫ މަސް ފެކްޓްރީ އިތުރަށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ދާދި ފަހުން ގއ. އަތޮޅު ކައުންސިލްގެ ރައީސް، އަހުމަދު ފުއާދާއި ނައިބްރައީސް އަހުމަދު ނަޒްމީނާ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީވަނީ ބައްދަލުކޮށް މަޝްވަރާ ކުރައްވާފައެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން "ގާފު" އަށް މައުލޫމާތު ދެއްވަމުން ގއ. އަތޮޅު ކައުންސިލްގެ ރައީސް، އަހުމަދު ފުއާދު ވިދާޅުވީ މިފްކޯގެ ތަރައްގީގެ މަޝްރޫއަކީ ސައުދީ ފަންޑުގެ ޚަރަދުގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އެއީ މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ފިޝަރީސް މިނިސްޓްރީއިން ފަންޑު ހަމަޖައްސާފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަށް ޚަރަދުވާނެ ކަމަށް ކަނޑައަޅާފައިވަނީ 11.7 މިލިއަން ޑޮލަރެވެ.
ފުއާދު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން ކޫއްޑޫގައި މައިގަނޑު ތިން މަސައްކަތެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ކޫއްޑޫ މަސްފެކްޓަރީގެ ޖެޓީ ބޮޑުކުރުމާއި، ބިން ހިއްކުމުގެ މަޝްރޫއެއްގެ އިތުރުން ފެކްޓަރީގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން ކޫއްޑޫ މަސް ފެކްޓަރީގެ ކެޕޭސިޓީ 2000 ޓަނުގެ ސްޓޮރެޖް އިން 6000 ޓަނުގެ ސްޓޮރެޖަކަށް ބަދަލު ކުރެވޭނެ އެވެ. ބިން ހިއްކުމަށް ހަމަޖެހިފައިވަނީ އެ ބޭނުމަށެވެ.
ކޫއްޑޫ އަކީ މިވަގުތު ހުވަދު އަތޮޅުގައި މަސް ގަންނަ މަރުކަޒެއް ހުރި ހަމަ އެކަނި ރަށެވެ. ނަމަވެސް ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ދާދި ފަހުން ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތިނަދޫއަށް ވަޑައިގެން އެރަށުގައި މަސް ގަންނަ ސެންޓަރެއް ގާއިމް ކުރުމަށް ނިންމާފައިވާކަންވަނީ އިއުލާން ކުރައްވާފައެވެ. އަދި އެ ސެންޓަރުގެ ޕްލޭންވެސް އެކަމަނާގެ ދަތުރުފުޅުގައި ވަނީ ދައްކާލާފައެވެ.
މީގެ އިތުރުން ހަމަ އެ ދަތުރުފުޅުގައި ގއ. މާނަގަލާއަށްވެސް އެކަމަނާ ވަނީ ޒިޔާރަތް ކުރައްވާފައެވެ. އެ ރަށުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ މަލްޓި ސްޕީޝީސް ހެޗަރީ އެކެވެ. އެ މަޝްރޫއަކީ ސަރުކާރުން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
One Response
ވޯޓެއް ކައިރިވާހެން އެބަހީވޭ ދެއްތޯ؟