
police_44_ff176cf065
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން މި މަހު 4 ވަނަ ދުވަހު ނ. ވެލިދޫގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު ސަރަހައްދުން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ. އެއީ 36 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެކެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުނެއެވެ. ވެލިދޫގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތުދީފައިވެއެވެ.
ދ. މީދޫގައި މި މަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ. އެ އޮޕަރޭޝަންގައި 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.