logoEN
ކޮކާކޯލާ
ހުވަދޫ ކަނޑުގެ ސަތޯރަހަ އާއި، ބޮޑު ކަކުނި ކާލި ސަތޯގެ ވާހަކަ

ހުވަދޫ ކަނޑުގެ ސަތޯރަހަ އާއި، ބޮޑު ކަކުނި ކާލި ސަތޯގެ ވާހަކަ

# ސަތޯރަހަ

346619_3_0f95fb6422bf76b2ee7a05fad7d3c2e50c9828a6_large

ޒަމާނުއްސުރެން ފެށިގެން ދޮށީގެ މަސްވެރިކަމަށް ލޯބިކުރާ ދިވެހިންގެ މެދުގައި ސަތޯގެ ނަމަކީ ފަނޑުވުމެއް ނެތް ނަމެކެވެ. އެއީ ދިވެހި މަސްވެރިންގެ މެދުގައި މަޝްހޫރު "ބްރޭންޑް"އެކޭވެސް ބުނެވިދާނެއެވެ. އެގޮތުން ދޮށީގެ މަސްވެރިކަމުގައި ރަސްކަން ކުރަމުން އަންނަ އެންމެ ހުނަރުވެރި އަދި އެންމެ މުހިންމު އެއް އާލާތްކަމަށްވާ ބުޅީގެ ބްރޭންޑަކީ "ސަތޯ ބުޅި" އެވެ. އޭގެ އިތުރުން ހުވަދޫ ކަނޑުގެ މެދުތިލަ ނުވަތަ ދެރަހާގެ ސަރަހައްދުތަކަށް "ސަތޯތިލަ" ނުވަތަ "ސަތޯރަހަ" ފަދަ ނަންނަމުން ދިވެހި މަސްވެރިން ކިޔައި އުޅެއެވެ.

އަބުޅޯ

ސަތޯރަހައިގެ ވާހަކަ އަނެއްކާވެސް ދިވެހިންގެ މެދުގައި މަގުބޫލުވެފައިމިވަނީ ނެކްޓަން އިން މިހާރު ކުރިއަށް ގެންދާ ރާއްޖޭގެ ކަނޑުތަކުގެ ސަރވޭގައި ހުވަދޫ ކަނޑުން ފެނުނު ސަތޯރަހަ ފަރުބަދައިގެ ސަބަބުންނެވެ. ސައިންޓިފިކް ދިރާސާއެއްގެ ބޭނުމަށް ނެކްޓަންއިން 12 ގަޑިއިރުގެ މަސައްކަތުން މެޕްކުރި މި ފަރުބަދަ އަކީ ކަނޑުގެ އަޑިން 300 މީޓަރު އަޑިން ފެނުނު ފަރުބަދައެކެވެ. އޭގެ ވަށަމިނުގައި 15 ނޯޓިކަލް މޭލު ހުރެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ކަނޑުއަޑީގައި މިބާވަތުގެ 34 ފަރުބަދައެއް ހުންނަ ކަމަށް ރެކޯޑު ކުރެވިފައިވާއިރު މިއީ މިބާވަތުގެ ދިރާސާއެއް ހެދި ރާއްޖޭގެ ފުރަތަމަ ފަރުބަދައެވެ. ނެކްޓަން އިން ރާއްޖޭގެ ސަރުކާރާ ގުޅިގެން ހިންގާ މި ދިރާސާގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ބައިވެރިވެއެވެ.

View post on Twitter

މީގެ ކުރިން ސަތޯރަހަ މިފަދަ ގޮތަކަށް މެޕް ކުރެވިފައިނުވި ނަމަވެސް ސަތޯރަހަ އަކީ ދިވެހިންގެ މެދުގައި މަގުބޫލު ނަމެކެވެ. އެހެން ކަމުން ސަތޯރަހަ އާއި ބެހޭގޮތުން ދެކުނުގެ މަސްވެރި އާއިލާތަކުގެ މެދުގައި މަޝްހޫރު ވާހަކައަށް ޖެހިލާނަމެވެ.

"ސަތޯރަހަ" މި ނަން ނިސްބަތްވާ ސަތޯއާއި ބެހޭ މައުލޫމާތު ނެކްޓަންގެ ދިރާސާގެ ކުރިން ނޭނގިދާނެއެެވެ. ސަތޯއާ ބެހޭ ގޮތުން ދިވެހި މަސްވެރިންނާއި އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެނަން ދެވުނީ ކިހިނެއް ކަމާއި އެއީ ކޮން ޒަމާނެއްގައި ކޮންކަމަކާ ގުޅުވައިގެން ދެވިފައިވާ ނަމެއްކަންވެސް ނޭނގިދާނެއެވެ.

އެހެން ނަމަވެސް ސަތޯއާއި ގުޅޭގޮތުން ދިވެހިންގެ މެދުގައި މަޝްހޫރު ވާހަކައެއް އައިސްފައިވެއެވެ. އޭގައި ކޮންމެވެސް ވަރަކަށް ހަގީގަތް އެކުލެވޭ އެހެން ނަމަވެސް ޒާތެއްގެ ފޯކްލޯރު ވާހަކައެކެވެ. އެއީ ހުވަދޫ ކަނޑުގެ މެދުތިލައަށް ޑައިވިންއަށް ގޮސް އުޅެނިކޮށް އާދަޔާއި ޚިލާފު ބޮޑު ކަކުންޏެއް "ސަތޯ" ނަމަކަށް ކިޔާ މީހަކު ކާލި ކަމަށް ދެކެވޭ ވާހަކައެވެ.

މިވާހަކަ އިނގިރޭސި ލިޔުންތެރިން ލިޔެފައިވާއިރު ދީފައިވަނީ، "ސަޓޯ އެންޑް ދަ ޖަޔަންޓް ކްރެބް" އެވެ. ދެން އެވާހަކައިގެ ކުރު ޚުލާސާއަކަށް ޖެހިލާނަމެވެ.

ދިވެހިރާއްޖެއަށް އައިސް އުޅުނު ޖަޕާނުގެ ސަތޯ ނަމަކަށް ކިޔާ މީހަކާއި އޭނާގެ އަންހެނުން ދިވެހި މަސްވެރިންނާއެކު ސަތޯގެ ބޯޓުގައި ހުވަދޫ ކަނޑުގައި މަސްވެރިކަން ކުރުމަށް ކަނޑަށް ނުކުމެއްޖެއެވެ. މިދަތުރުގެ ކޮންމެވެސް ހިސާބަކުން ހުވަދޫ ކަނޑުގެ މެދުތިލައިގައި ހުރި ކަނޑުގެ ދިރުމަކީ ކޮބައިތޯ ބެލުމުގެ ޝައުގުވެރިކަން ސަތޯގެ ހިތުގައި އުފެދިގެން އެތަނަށް ޑައިވިން ކުރުމަށް ސަތޯ ބޭނުންވެއްޖެއެވެ.

އެދުވަހު ސަތޯ އެތަނަށް ޑައިވިނަށް ދިޔަ ގޮތަށް މައްޗަށް ނާރައި މާ ގިނައިރުވުމުން، ސަތޯގެ އަންހެނުން އޭނާއަށް ވީގޮތެއް ބަލާލުމަށް ޑައިވިނަށް ފޭބިއެވެ. އަދި އޭނާ އަޑިއަށް ދިޔަ ދިމާލަށް ފީނައިގެން ގޮސް ބެލިއިރު އެއީ ބޮޑު ކަކުންޏެއްގެ ހަރުގެ އަނގަމަތީ ކައިރިއެވެ. އެސަރަހައްދުގެ އެއްވެސް ހިސާބަކުން ސަތޯ ފެންނާކަށް ނެތެވެ. އެސަރަހައްދު ރަނގަޅަށް ބަލާލުމަށްފަހު ސަތޯގެ އަންހެނުން އެކަކުނި ހަރުގެ އަނގަމައްޗާއި ކައިރިއަށް ޖެހިލާފައި ރަނގަޅަށް ބަލާލިއިރު ކަކުނި ސަތޯ ކާލާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.

މިވާހަކަ ކިޔައިއުޅޭ އަނެއް ގޮތަކީ ސަތޯއާއި އޭނާގެ އަންހެނުން ޑައިވިނަށް ފޭބީ އެކުއެކީގައި ކަމަށެވެ. އެގޮތުން ޑައިވިނަށް ފޭބުމަށްފަހު ކަކުނި ހަރުތެރެއަށް ސަތޯ ވަދެގެންދިޔައީ އަންހެނުން ބޭރުގައި މަޑުކުރުމަށް އިޝާރާތް ކުރުމަށްފަހު ކަމަށެވެ. ސަތޯ ހަރުތެރެއަށް ވަންތާ މާގިނައިރެއް ނުވެ ކަކުނި ބޭރުން އައިސް އެއިގެ ހޮރަށް ވަންނަނިކޮށް ސަތޯގެ އަނބިމީހާއަށް ފެނިފައިވެއެވެ. ކަކުނި ވަންނަން އުޅުމުން ސަތޯ ބޭރަށް ނުކުންނަން މަސައްކަތް ކުރި ނަމަވެސް ސަތޯއަށް ބޭރަށް ނުކުމެވޭ ވަރުގެ ޖާގައެއް ނުލިބުނު ކަމަށްވެއެވެ. އެހެން ކަމުން ސަތޯ މަސައްކަތްކުރީ ކަކުނީގެ ދެ ހަނޑަސް ދުރުކުރާ ވަގުތު ބަލައިގެން އަވަހަށް އެދެމެދުން ނުކުންނާށެވެ. އެހެން ނަމަވެސް ކަކުނި އޭގެ ދެ ހަނޑަސް ކައިރިކޮށް ފިއްތައިލި ގޮތަށް ސަތޯ ދެހަނޑަސް ދޭތެރޭ ދާށިވެ އޭނާގެ ހަށިގަނޑު ޗިސްޗިސް ވީ ކަމަށްވެސް ބުނެއުޅެއެވެ.

އެހެން ކަމުން ބެލެވޭ ގޮތުގައި ސަތޯރަހަ އަށް މިނަން ދެވިފައިވަނީ ޖަޕާނުގެ "ސަޓޯ" އާއި ގުޅުވައިގެންނެވެ. މިއީ މިވާހަކަ ރާއްޖޭގެ ދެކުނުގެ މީހުންގެ މެދުގައި ކިޔައި އުޅޭ ގޮތެވެ. ނަމަވެސް ޑައިވިން ކޮށްގެން އުޅެނިކޮށް މިފަދަ ހާދިސާއެއް ދިމާވެގެން ރާއްޖޭގައި މީހަކު މަރުވި ވާހަކައަކީ ހަގީގަތެއް ނޫނެވެ. ސަތޯ ވަނީ އޭނާ ރާއްޖެއަށް ކުރަން އައި މަސައްކަތް ނިންމާލުމަށްފަހު އެނބުރީ އޭނާގެ ގައުމު ޖަޕާނަށް ގޮސްފައެވެ.

ސަތޯ ރާއްޖެ އައި ގޮތާއި މަސްވެރިކަމަށް ސަތޯ ކޮށްދީފައިވާ ޚިދުމަތްތައް:

ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް ކުރިއަރުވަން އިލްމީ ދިރާސާއެއް އެންމެ ފުރަތަމަ ކުރެވުނީ 1962 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތައް 6 ބަޔަކަށް ބަހާލައިގެން ދިރާސާކޮށްގެން ހަދާފާއިވާ ރިޕޯޓުގެ ނަމަކީ، "ރިޕޯޓް އޮން ފިޝިންގ ސަރވޭ އިންކްލޫޑިންގ އޮޕީނިއަން އޮން ޕޮސިބިލިޓީ އޮފް ކޭނިންގ ފެކްޓަރީ އިންދަ މޯލްޑިވްސް" އެވެ.

އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ އެންގުމަށް މި ދިރާސާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ތަޖުރިބާކާރުން ހޯދުމަށް 1961 ވަނަ އަހަރު ދިވެހިރާއްޖޭގެ ވަފުދެއް ޖަޕާނަށް ދިޔައެވެ. އެގޮތުން އޭރު ބޮޑުވަޒީރުގެ ނައިބުގެ މަގާމުގައި ހުންނެވި އޮނަރަބަލް ކޮލި އަލިމަނިކު އާއި އޭރުގެ ހޯމް އެފެއަޒް މިނިސްޓަރ ކަރަންކާ އިބްރާހިމް ރަޝީދު ޖަޕާނަށް ވަޑައިގެން އެގައުމުގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓަރީގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.

އެބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަން ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ޖަޕާނު ސަރުކާރުގެ ފަރާތުން ހޯދުމަށް މަޝްވަރާތަކެއް ކުރެވިގެންދިޔަ ނަމަވެސް އެކަމަށް ރާއްޖެއިން އެދުނު އެދުމަށް ޖަޕާނު ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މާބޮޑު ޝައުގުވެރިކަމެއް ދައްކާފައިނުވެއެވެ.

ނަމަވެސް، ފުރަތަމަ ބައްދަލުވުމުގައި ރާއްޖެއިން ހުށަހެޅި ބައެއް ކަންތައްތަކުން ޖަޕާނަށް ފައިދާކުރާނެ ފަދަ ކަންތައްތައް ހުރުމުން ޖަޕާނު ސަރުކާރުގެ އިސްނެންގެވުމުގެ މަތިން އިތުރު ބައްދަލުވުމަކަށް ދިވެހި ސަރުކާރަށް ދައުވަތުދެއްވިއެވެ. އެހެންކަމުން ދެވަނަ ބައްދަލުވުމުގައި އެގައުމުން ރާއްޖޭގެ މަސްވެރިކަމުގެ ދިރާސާއެއް ހެދުމަށް ޖަޕާނުގެ ދެ އެކްސްޕާޓުން ރާއްޖެ ފޮނުވުމަށް އެއްބަސްވެވުނެވެ.

މިދިރާސާ ހަދާފައިވަނީ ޖަޕާނުގެ މެރިން ރިސަރޗް ދާއިރާގެ ދެ ތަޖުރިބާކާރުން ކަމަށްވާ، ބ. ސަތޯއާއި ޔޮޝިޓްސުޖޫ ސިޖީއާއި ދެމީހުންނެވެ. ދިރާސާ ލީޑުކޮށްފައިވަނީ ޝީޖީ އިސްވެހުރެގެންނެވެ. ސަތޯއަކީ ޝިޖީގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރި މީހާއެވެ. ނަމަވެސް ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ބޮޑަށް މަޝްހޫރުވެފައިވަނީ ސަތޯއެެވެ. ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރު ގުޅިގެން ކުރި މި ސަރވޭގައި ޝިޖީއަށް އުޖޫރަ ދީފައިވަނީ ޖަޕާނު ސަރުކާރުންނެވެ. އަދި ސަޓޯއަށް މުސާރަ ދީފައިވަނީ ދިވެހި ސަރުކާރުންނެވެ.

ސަބަބަކީ މިދެންނެވި ދިރާސާގެ މައްޗަށް އެކުލަވާލެވުނު ރިޕޯޓުގެ މަސައްކަތް ނިމި ދިވެހި ސަރުކާރަށް ރިޕޯޓު ހުށަހެޅުމަށްފަހުވެސް ސަތޯ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވުމެވެ. ސަތޯ ރާއްޖޭގައި މަޑުކުރި ކަމަށްވަނީ ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަން އޭނާ އަމިއްލައަށް ތަޖުރިބާ ކުރުމަށްޓަކައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމާ ބެހޭގޮތުން މިފަހުގެ އަހަރުތަކުގައި ކުރެވިފައިވާ ހުރިހާ ދިރާސާއެއްގެ އެންމެ އިސް އެއް މަސްދަރަކީވެސް ސަތޯމެން ހެދި ދިރާސާއެވެ. އޭގެ ކުރިން ރާއްޖޭގެ މަސްވެރިކަމާ ގުޅޭ ގޮތުން ސައިންޓިފިކް އުސޫލުން މައުލޫމާތު އެއްކުރެވިފައިވާ ރެކޯޑެއް ނެތެވެ.

މިދިރާސާގެ ރިޕޯޓްގެ ފުރަތަމަ ޗެޕްޓަރ ގައި ހިމެނެނީ 1959 ވަނަ އަހަރުން ފެށިގެން 1961 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ބޭނި މަހުގެ ތަފާސް ހިސާބެވެ. ދެވަނަ ޗެޕްޓަރގައި ހިމެނިފައިވަނީ ސަރވޭ ދަތުރުތަކުގެ މައުލޫމާތެވެ. ތިންވަނަ ޗެޕްޓަރގައި ވަނީ ރާއްޖޭގައި އުފައްދާ ކަނޑުމަހުގެ ބާވަތްތަކުން އިގްތިސާދީ ނަފާ ހޯދިދާނެ މިންވަރުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. ހަތަރުވަނނަ ޗެޕްޓަރގައި ހިމެނިފައިވަނީ ރާއްޖޭގައި މަސް ބަންދުކުރާ ކާރުހާނާއެއް އުފެއްދުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމެވެ. ފަސްވަނަ ޗެޕްޓަރގައި ގެނެސްދީފައިވަނީ އެރިޕޯޓުގެ ހުލާސާއާއި ޚާއްސަ ރިކޮމަންޑޭޝަންތަކެވެ.

މަހުގެ ތަފާސް ހިސާބުތައް އެނެލައިޒް ކުރުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގައި މަހުގެ މުއްސަނދިކަން ހުރި މިންވަރާއި މަހުގެ ބައޮލޮޖީ ދެނެގަތުމަށް ތަހުލީލުތައް ކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މަސްކަނޑުތަކުގައި އޯޝަންގްރަފީ އޮބްޒަރވޭޝަން ހަދައިގެން ކުރި މި ތަހުލީލުގައި މައިގަނޑު ދެކަމެއް ފާހަގަކުރެވިފައިވެއެވެ. އެއީ އެންމެ ގިނަ އަދަދަކަށް ކަޅުބިލަމަސް އައިނު ދަތުރުކުރާކަން ފާހަނގަ ކުރެވިފައިވަނީ ހުވަދު ކަނޑުގެ ވަން އެންޑް ހާފްއ ޑިގްރީ ޗެނަލް އާއި މެދުތިލަ ހިމެނޭ ސަރަހައްދުން ކަމެވެ. އަދި އެއީ އިންތިހާއަށް އެމަށް ދަހި މަސްއައިނުތައް ކަމަށް ވެއެވެ.

ދެވަނައަށް ފާހަގަކުރެވިފައިވާ ކަމަކީ ރާއްޖޭގެ ކަނޑުތަކުގައި އުލޭ ކަޅުބިލަ މަހަކީ ޖިއޮގްރަފީ ގޮތުން ތަފާތު ސަރަހައްދުތަކަށް (ޖިއޮގްރިފިކް މައިގްރޭޝަން) ހިޖުރަކޮށް އުޅޭ އެއްޗެއް ނޫންކަމެެވެ. މިސާލަކަށް ހުވަދޫ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ އާބާދީ އައްޑޫ ކަނޑަށް އަދި އައްޑޫ ކަނޑޫގައި އުޅޭ ކަޅުބިލަމަހުގެ އާބާދީ ހުވަދޫ ކަނޑަށް ހިޖުރަކުރުމަކީ ރާއްޖޭގެ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ ތަބީއީ ސިފައެއްނޫނެވެ.

ޝިޖީ އާއި ސަތޯ މި ރިޕޯޓު ހެދުމަށް އެންމެ ފުރަތަމަ ދަތުރުކުރީ މާލެ އަތޮޅުން ފެށިގެން ހއ އަތޮޅަށެވެ. އެދަތުރުގެ ދިގުމިނަކީ 10 ދުވަހެވެ. އެދަތުރުކޮށްފައިވަނީ 6 ފެބްރުއަރީ 192 އިން ފެށިގެން 15 ފެބްރުއަރީ 1962 އެވެ. ދެވަނަ ސަރވޭ ދަތުރުކުރީ އަރި އަތޮޅުން ފެށިގެން ހުވަދު އަތޮޅާއި ހަމައަށެވެ. އެދަތުރުގެ ދިގުމިނަކީ 14 ދުވަހެވެ. އެދަތުރު ކޮށްފައިވަނީ 26 ފެބްރުއަރީ 1962 އިން ފެށިގެން 11 މާރިޗް 1962އެވެ. މިސަރވޭގެ ދަތުރުރަކާއި މަސްވެރިކަމުގެ ތަފާސް ހިސާބުތައް ސައެންޓިފިކް އުސޫލުތަކުގެ މަތިން އެއްކުރުމާއި އެކު ސަރވޭއަށް ހޭދަވީ 3 މަސްދުވަހެވެ.

މިދިރާސާގައި ބޭނުންކޮށްފައިވަނީ ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ފައިބަރގްލާސް ބޯޓެކެވެ. މިބޯޓުގައި މަސްވެރިކަމުގައި އުޅެފައިވަނީ ދިވެހި މަސްވެރިންނާއެކުއެވެ. ގަބޫލުކުރެވޭ ގޮތުގައި ސަތޯ އިސްވެ ހުރެގެން މި ބޯޓުގައި މަސްވެރިކަން ކުރުމަށް ގިނަ ދުވަސް ހޭދަކޮށްފައިވަނީ ހުވަދޫ ކަނޑުގައި ކަމަށް ގަބޫލުކުރެވެއެވެ. އަދި މަސްވެރިކަމުގެ އިތުރުން ހުވަދޫ ކަނޑުގެ މެދުތިލައަށް ޑައިވިން ކޮށްގެން އެތިލަ ސަރވޭ ކުރުމުގެ މަސައްކަތްތަކެއްވެސް ސަތޯ ކުރި ކަމުގައި ބެލެވެއެވެ. ދިރާސާ ރިޕޯޓުގައި ހުވަދޫ ކަނޑުގެ ވަން އެންޑް ހާލްފް ޑިގްރީ ޗެނެލްގެ ދެސަރަހައްދެއްގައި އޯޝަންގްރަފީ އޮބްޒަރވޭޝަން ހަދާފައިވާ ކަމަށް އެދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ މަސްކަނޑުތަކަށް ބަލާއިރު އެންމެ ބޮޑެތި މަސްއައިނު އެންމެ ގިނަ އަދަދަކަށް ފެންނަނީ ހުވަދޫ ކަނޑުގެ ވަން އެންޑް ހާލްފް ޑިގްރީ ޗެނަލްގެ ސަރަހައްދުންނެވެ. އަދި އެއައިނުތަކަކީ ރާއްޖޭގެ ވަށައިގެން އޮންނަ ބޭރު ކަނޑުން ދަތުރުކުރަމުން އައިސް ވަންނަ މަސްއައިނުތައް ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ. އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމަސްއައިނުތަކުން މަސްބޭނުމަށް އޭރު ރާއްޖޭގައި ގެންގުޅުނު މަސްދޯނިފަހަރު މާކުޑައެވެ. އަދި އެއައިނުތަކުން ފުރިހަމައަށް މަސްބޭނުމަށް 20 ޓަނާއި 50 ޓަނުގެ ކެޕޭސިޓީ ހުރި އިންޖީނުލީ އުޅަނދު ބޭނުންވާނެ ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

ދިވެހިން ދޮށީގެ މަސްވެރިކަން އޭރު ބޭނުންކުރަމުންދިޔަ ބުޅި އަކީ ދޮށީގެ މަސްވެރިކަން ކުރުމަށް ޓެކްނިކަލް ސްޓްރަކްޗަރ އާއި ޑިޒައިންގެ ގޮތުން އެހާ ރަނގަޅު ބުޅިއެއް ނޫން ކަމަށް ސަތޯ ލަފާދީފައިވާ ކަމަށްވެއެވެ. އޭގެ ފަހުގައި ޖަޕާނުގެ ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ މޮޅު ޓެކްނިކަލް ޑިޒައިންގެ ބުޅި ސަތޯ ރާއްޖެއަށް ތައާރަފުކުރިއެވެ. އެބުޅިއަކީ މިހާރުވެސް ރާއްޖޭގެ މަސްވެރިންގެ މެދުގައި މަޝްހޫރު ބުޅިއެކެވެ. ސަޓޯ ބުޅި އޭ ދެންނެވުމުން އެއީ ދިވެހި މަސްވެރިންގެ މެދުގައި އައު އެއްޗަކަށް ނުވާނެއެވެ. މިހާރުވެސް ރާއްޖޭގައި އޭގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް ދިވެހިން ތައްޔާރުކުރާ ބުޅިއަކީ މަސްވެރިންގެ މެދުގައި އެންްމެ މަގުބޫލު ބުޅިއެވެ.

މިއާޓިކަލް އަށް މައުލޫމާތު ނަގާފައިވަނީ:

ތިމާވެށި މަޖައްލާ

އޮނަރަބަލް ކޮލި އަލީ މަނިކުގެ އޮޓޯބައޮގްރަފީ

ނެކްޓަން

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ