
މީރާގެ އޮފީހެއް ފަޅާލައި 25 ރުފިޔާ ވަގަށް ނެގި މީހެއްގެ ބަންދަށް 45 ދުވަސް
# ފުލުހުން# މީރާ# ވައްކަންMIRA
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮފީސް ފަޅާލައި 25 ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 45 ދުވަސް ޖަހައިފިއެވެ.

މީރާ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. މީރާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެތަނުން ނަގާފައިވަނީ 25 ރުފިޔާއެވެ.
މީރާއިން ވައްކަން ކުރި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާ ވަނީ މީރާގެ އޮފީސް ފަޅާލި ކަމަށް އިއުތިރާފް ވެފައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 45 ދުވަސް ބަންދަށް އިތުރު ކޮށްދީފައެވެ.
މީގެ ކުރިން 2014އިން މިއަހަރުގެ ޖުލައި މަހާ ހަމައަށް އޭނާ ދިޔައީ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި ހުކުމުގެ ބޮޑުބައެއް ފުރިހަމަކޮށްފައިވާތީ ޖުލައި މަހުގެ 19 ވަނަ ދުވަހު އޭނާއަށް ވަނީ މައާފްދީ މިނިވަން ކޮށްފައެވެ.
މިނިވަން ކުރި ފަހުން މީރާ އޮފީސް ފަޅާލުމުގެ ކުރިން, މޯލްޑިވިއަންގެ އޮފީހާއި ޖުވެނައިލް ކޯޓުގެ އިމާރާތުން އޭނާ ވައްކަން ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަށް އަހަރު ޖަލުގައި ހޭދަކުރުމަށްފަހު މިނިވަންކުރިތާ މަހެއް ނުވަނީސް ވައްކަން ކުރަން ޖެހުނީ ކުރީގެ އެކުވެރިންނާ ދިމާވެ މަސްތުވާތަކެތި ބޭނުންކުރަން ފެށުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.