ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 10 މިލިއަން ރުފިޔާގެ އަގު ހުރި މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި އަތުލައިގަނެފައިވަނީ ބްރެޒިލް އިން ރާއްޖެއައި ބްރެޒިލް މީހާކާއި ލަޓްވިއާގެ މީހެއްގެ އަތުން ފެނުނު މަސްތުވާތަކެއްޗެވެ.
މީގެ ތެރެއިން ލަޓްވިވާ ރައްޔިތަކީ ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެ އައި އުމުރުން 23 އަހަރުގެ ފިރިހެނެކެވެ. މއޭނާގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.
ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.466 ކިލޯގުރާމް ހުއްޓެވެ.
މީގެ އިތުރުން، ނޮވެންބަރު 28 ވަނަ ދުވަހު ރާއްޖެ އައި 21 އަހަރުގެ ބްރެޒިލް މީހެއްގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި 66 ކެޕްސޫލް ފެނިފައިވާ ކަމަށް ކަސްޓަމަސް އިން ވިދާޅުވިއެވެ. އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ޕޮސިޓިވް ވެފައިވާ ކަމަަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.
އަދި މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 654.4 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.
މިމައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ދިހަ މިލިއަން ނުވަލައްކަ އެކާވީސްހާސް ހަތަރުސަތޭކަ ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.