ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބޭއްވި ކެބިނެޓް ބައްދަލުވުންތަކެއްގެ އެޖެންޑާ އާންމު ފަރުދަކަށް ދޫކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ މިއަދު ނިންމަވައިފި އެވެ.
އެ މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަންގައި އެދުނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ ރައީސް ހުޝާމް މުހައްމަދުފުޅު އެވެ. އޭނާ އެ ކޮމިޝަނުގައި އެދުނީ ރައީސް އޮފީހަށް ހުށަހެޅުއްވީ 2004 އަދި 2005 ގައި ބޭއްވި ކެބިނެޓް ބައްދަލުވުންތަކުގެ އެޖެންޑާ ދޫކޮށްފައިނުވާތީ އާއި އެ ދެ އަހަރު ރައީސް އޮފީހުން ހޯމް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީތައް ހޯދުމަށެވެ.
އޭނާ އެ މައްސަލަ އެ ކޮމިޝަނަށް ވެއްދީ ރައީސް އޮފީހުން އެ މައުލޫމާތު ފޯރު ނުކޮށްދީގެންނެވެ. އެއަށްފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އޭނާ ހުށަހެޅި މައްސަލާގައި، އޭނާއަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސް އޮފީހަށް ފިޔާޒް އެންގެވީ އާއްމުކޮށް ހުޅުވާލައިގެން ދެ އަޑުއެހުމެއް ބޭއްވެވުމަށް ފަހު އެވެ.
އެ މައްސަލައިިގައި މިއަދު ބޭއްވި އާއްމު އަޑު އެހުމުގައި ރައީސް އޮފީހުން ބުނީ ހުޝާމް ހުށަހަޅާފައި ވަނީ ސީދާ ކޮން މައުލޫމާތެއްކަން ސާފުވެސް ނުވާ ކަމަށެވެ. އެހެން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒް ނިންމެވީ ހުޝާމް ހޯދަން އެދުނީ ސީދާ ކޮން މައުލޫމާތެއްކަން ސާފުނުވާ ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް އެއީ ކޮން މައުލޫމާތެއް ސާފުވާ ކަމަށެވެ. ފުރަތަމަ މަރުހަލާގައި މައުލޫތު ނުދޭން ނިންމި އިރު، އެއީ ދައުލަތުގެ ސިއްރު އެކުލެވޭ މައުލޫމާތެއް ކަމަށް ބުނަން އެނގުނީ އެހެންވެ ކަމަށް ވެސް ފިޔާޒްގެ ނިންމެވުމުގައި ވިދާޅުވި އެވެ.
"މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ އެކިއެކި މާއްދާތައް ތަންފީޒުކުރުމާއި މާނަކުރުމުގައި އެންމެ އިސް މަސްލަހަތެއް އޮންނަންވާނީ މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބުމުގެ މައްޗަށް ކަމަށް ގާނޫނުގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާއިރު މައުލޫމާތު ދޫކުރުމުގައި އިސްތިސްނާ ނުކުރެވޭނެ ތިން ޝަރުތެއް ހަމަވާ ލިއުމެއް ހިފެހެއްޓޭނެ ގާނޫނީ ހުއްޖަތެއް ނެތްކަން ފާހަގަކުރެވޭ،" އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމުގައި ވިދާޅުވި އެވެ.
ހުޝާމް ހޯދަން އެދުނު މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނާ ޝަރުތައް ހަމަވާ، ހޯދަން އެދެވޭނެ މައުލޫމާތެއް ކަމަށް ވެސް ފިޔާޒް ވިދާޅުވި އެެވެ.