ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕްއެއް ނުކުރޭ- ފުލުހުން

އިންޑިޔާ ފިރިހެނަކު ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕްކުރިކަމަށް މީސްމީޑިޔާ އަދި އެތަކެއް ނޫސް މީޑިޔާތަކުގައި ދައުރުވަމުންދާ ޙަބަރު ދިވެހި ފުލުހުންގެ ހިދުމަތުން ދޮގުކޮށްފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި އިންޑިޔާ ފިރިހެން މީހާ ދިވެހި އަންހެންމީހާގެ ގައިގައި ނުގަބޫލުން އަތްލާން މަސައްކަތްކުރިކަމަށާއި ނަމަވެސް ރޭޕްކުރުމުގެ އަމަލެއް ހިންގާފައިނުވާކަމަށެވެ. ކުރިން މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރިސޯޓެއްގައި ރޭޕްކޮށްފައިވަނީ ތަމްރީނު ހޯދަން މަސައްކަތް ކުރަމުން އައި 19 އަހަރުގެ ޒުވާނެއް ކަމަށެވެ.

ދެންމެ މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުންނަށް ރިޕޯޓްކުރުމުގެ ކުރިން އިތުރު އެއްވެސް ފަރާތަކުން މި މައްސަލަ ހުށަހަޅާފައިނުވާކަމަށާއި، މިހާރު މި މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހްގީގްކުރަމުންކަމަށެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 29 ދުވަހު ދިވެހި އަންހެނަކު ރިސޯޓެއްގައި ރޭޕްކުރިކަމަށް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވީއިރު، މިމައްސަލައިގައި ތުހުމަތުކުރެވޭ އިންޑިޔާ ފިރިހެންމީހާ ފުރައިގެންވެސް ވަނީ ގޮސްފައެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން ފުލުހުންއަދި އެއްޗެއް ހާމަނުކުރެއެވެ.

ޖިންސީކުށުގެ ޙަބަރުތަށް މީޑިޔާތަކުން ގެނެސްދިނުމުގައި އަނިޔާލިބޭ ފަރާތް އިތުރަށް ވިކްޓިމައިޒް ނުވާނޭ ގޮތަކަށް ޙަބަރުތަށް ގެނެސްދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ފަހަކަށް އައިސް ރޭޕް އަދި ޖިންސީ ކުށުގެ އެތަކެއް ކޭސްތަކެއް ރާއްޖޭގައިވެސް ވަނީ އިތުރުވެފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް