
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - މުރާލި ކަނބަލުން މައްޗަށް ފިޓް ފެމިނިން އަށް ފަސޭހަ މޮޅެއް
# ހަވަރު ސްޕޯޓްސް# މުރާލި ކަނބަލުން# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# ފިޓް ފެމިނިންGMG_0411
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓުގައި މިރޭ ކުޅުނު ފުރަތަމަ މެޗު، ފިޓް ފެމިނިން ކާމިޔާބުކޮށްފިއެވެ.

މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފިޓް ފެމިނިން އާއި މުރާލި ކަނބަލުންނެވެ. އެ މެޗު ފިޓް ފެމިނިން ކާމިޔާބު ކުރީ ފަސޭހަކަމާއެކު ބޮޑު ތަފާތަކުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ފިޓްފެމިނިން އިން ވަނީ މުރާލި ކަނބަލުންގެ ކޮޅަށް 21 ގޯލު ޖަހާފައެވެ. އެ ހާފުގައި މުރާލި ކަނބަލުންނަށް ޖެހުނީ 4 ގޯލެވެ.
ދެވަނަ ހާފުގައިވެސް ފިޓް ފެމިނިން އިން ވަނީ ގިނަ ގޯލުތަކެއް ޖަހައި ލީޑު ހިފަހައްޓާފައެވެ. ފިޓް ފެމިނިން އިން މި މެޗު ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު 47 - 8 ގެ ނަތީޖާއިންނެވެ. މިމެޗުގެ ޕްލޭޔަރ އޮފް ދަ މެޗުގެ މަގާމް ލިބުނީ، ފިޓް ފެމިނިންގެ ޖާޒީ ނަމްބަރު 5، މުސައްމަތު މަސްއޫދާ އަށެވެ.
މި މެޗުން މުރާލި ކަނބަލުން ބަލިވި އިރު، އެ ޓީމު އޮތީ އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުން ބަލިވުމާއެކު މުބާރާތުގެ ސެމީއަށް ދިއުމުގެ ފުރުސަތު ގެއްލި، މުބާރާތުން ކަޓައިފައެވެ. އެ ރޭ މުރާލި ކަނބަލުންގެ މައްޗަށް ލ. ގަން ޑަބްލިއުޑީސީ ޓީމުން ކުރި ހޯދީ 23 - 03 ނަތީޖާއިންނެވެ. މިރޭ މި ކުޅުނީ ގްރޫޕް ސްޓޭޖުގައި އާއި މުބާރާތުގައިވެސް މުރާލި ކަނބަލުން ކުޅޭނެ ފަހު މެޗެވެ.
މިރޭގެ މެޗުން ފިޓް ފެމިނިން މޮޅުވި އިރު، ވިކްސެން އާއި އެ ޓީމް ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެން ފިޓް ފެމިނިން އިން އޮތީ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ.
މި މުބާރާތުން މުރާލި ކަނބަލުންނަށް އެދެވޭ ކާމިޔާބެއް ލިބިފައި ނުވި ނަމަވެސް، މިއީ މުރާލި ކަނބަލުންގެ ޓީމުން ބައިވެރިވާ މިފަދަ ފުރަތަމަ މުބާރާތެވެ. އެ ޓީމުގައި ހިމެނެނީ ގދ. ތިނަދޫއަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ފިޓް ފެމިނިން އަކީ މީގެ ކުރިންވެސް ހަވަރުން ބާއްވާ ހޭންޑްބޯލް މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ޓީމެކެވެ. އެޓީމުގައި ބޭރުގެ ދެ ކުޅުންތެރިންނާއި ރަށުން ބޭރު ކުޅުންތެރިންތަކެއްވެސް ހިމެނެއެވެ.
މިރޭގެ ދެވަނަ މެޗުގައި ކުޅޭނީ ލ. ޑަބްލިއުޑީސީ ޓީމާއި ވިކްސެން ޓީމެވެ. އެ މެޗު ވެގެންދާނީ ދެ ޓީމަށްވެސް މުޙިއްމު މެޗަކަށެވެ. އެ މެޗުން ބަލިވާ ޓީމު މުބާރާތުން ކަޓާނެ އިރު، މޮޅުވާ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ.
މި މުބާރާތަކީ ހަވަރު ސްޕޯޓްސް އިން ބާއްވާ ހަތަރުވަނަ ހޭންޑްބޯލް މުބާރާތެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.
ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ.