
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް - ބޮޑު ތަފާތަކުން މުރާލި ކަނބަލުން ބަލިކޮށް ވިކްސެންއިން ފެށުން ރަނގަޅުކޮށްފި
# މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022# ހަވަރު ސްޕޯޓްސްGMG_3737
މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް ގައި މިރޭ ކުޅުނު ފުރަތަމަ މެޗް ވިކްސެން އިން ކާމިޔާބުކޮށްފިއެވެ.

މިރޭގެ ފުރަތަމަ މެޗުގައި ކުޅުނީ މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ މުރާލި ކަނބަލުންނާއި ވިކްސެން އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ވިކްސެން ޓިމުން ވަނީ ހަލުވި ސްޕީޑެއްގައި މޮޅު ކުޅުމެއް ދައްކައި، ޖުމްލަ 27 ގޯލު ޖަހައި ބޮޑު ލީޑެއް ނަގައިފައެވެ. ފުރަތަމަ ހާފުގައި މުރާލި ކަނބަލުންގެ ޓީމުން ޖަހާފައިވަނީ 2 ގޯލެވެ.
ދެވަނަ ހާފުގައި މުރާލި ކަނބަލުންނަށް ޖެހުނީ ޖުމްލަ ހަ ގޯލެވެ. ވިކްސެން އިން ދެވަނަ ހާފުގައި ޖެހީ 31 ގޯލެވެ. އެއާއެކު މެޗު ނިމިގެން ދިޔައީ 58 ގޯލު، 08 ގޯލުގެ ނަތީޖާއިން ވިކްސެން ޓީމު މޮޅުވެގެންނެވެ.
މިއީ މުރާލި ކަނބަލުންގެ ޓީމުން ބައިވެރިވާ މިފަދަ ފުރަތަމަ މުބާރާތެވެ. އެ ޓީމުގައި ގިނައިން ހިމެނެނީ ގދ. ތިނަދޫއަށް ނިސްބަތްވާ ކުޅުންތެރިންތަކެކެވެ. ވިކްސެން ޓީމުގައި ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެރިއަކާއި ބޭރު ދެ ކުޅުންތެރިން ހިމެނެއެވެ.
މިރޭ ކުޅުނު ފުރަތަމަ މެޗުގެ ޕްލޭޔަރ އޮފް ދަ މެޗްގެ ގޮތުގައި ހޮވިފައިވަނީ ވިކްސެން ޓީމުގެ ޖާޒީ ނަމްބަރު 13، ސަޕްނާ ކަޝްޔަޕް އެވެ.
ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓް 2022ގެ ޓައިޓަލް ސްޕޮންސަރކޮށްފައިވަނީ އެސްޓީއޯއިންނެވެ. އެއާ އެކު މިމުބާރާތުގެ ނަން ވަނީ "މަކިޓާ ހަވަރު ވިމެންސް ހޭންޑްބޯލް ޓޯނަމެންޓު 2022″ އަށް ބަދަލުވެފައެވެ. މަކިޓާއަކީ އެސްޓީއޯއިން ވިއްކަމުން އަންނަ އިލެކްޓްރޯނިކްސް ބްރޭންޑެކެވެ.
ހަވަރު ސްޕޯޓްސް އިން ބާއްވާ މި މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރ ގެ ގޮތުގައި ތިނަދޫ ސްޓޭޑިއަމް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް ބެވަރޭޖެސް ޕާޓްނަރ އަކީ އިބްނަމޯ އެވެ. އަދި ބެވަރޭޖް ޕާޓްނަރގެ ގޮތުގައި ގޯސިޔާއާއި ޒިމާމަން ރެސްޓޯރެންޓު ވަނީ ހަމަޖައްސާފައެވެ. އޮފިޝަލް ސްޓްރީމިންގ ޕާޓްނަރގެ ގޮތުގައި އިވެންޓްކާސްޓް ހަމަޖެއްސިއިރު، ފޮޓޯގްރަފީ ޕާޓްނަރގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮޓޯ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަރ އަކީ ދިރާގު އެވެ. ޕްރިންޓިންގ ޕާޓްނަރ އަކީ ނޯވާޓެކް އެވެ. ފަސްޓް އެއިޑް ޕާޓްނަރ އަކީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިން އެވެ.
މި މުބާރާތް މިއަހަރު ބާއްވާނެކަމަށް ހަވަރުސްޕޯޓްސްއިން އިއުލާނުކުރީ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ ފަނަރަ ހާސް ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއަހަރުގެ މުބާރާތަކީ ހަވަރު ސްޕޯޓްސްއިން ބާއްވާ ވުމެންސް ހޭންޑްބޯލް ޓޯނަމެންޓްގެ 4 ވަނަ މުބާރާތެވެ.