ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމު ވައިޖެހޭ އިން ހޯދައިފި އެވެ.
ރޭ ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިޔަށް ދިޔަ ފައިނަލްގައި ވައިޖެހޭ އިން ޗެމްޕިއަންކަން ހޯދީ ޝާޕްޝޫޓާޒް ބަލިކުރުމަށް ފަހުއެވެ. ވައިޖެހޭ އިން ވަނީ ޓައިގެ ދެމެޗު ކާމިޔާބުކޮށްފައެވެ. އެއީ ފުރަތަމަ ޑަބަލްސްއާއި ސިންގަލްސް މެޗެވެ
އެގޮތުން ވައިޖެހޭ އިން ފުރަތަމަ ޑަބަލްސް ކާމިޔާބުކުރީ 21/18 ، 21/18 ގެ ނަތީޖާއަކުންއެވެ. ވައިޖެހޭ އިން ޑަބަލްސްގައި ކުޅުނީ މުހައިމިން – އާތިފް ޕެއާއެވެ. އަދި ޝާޕްޝޫޓާޒް މި މެޗުގައި ވާދަކުރީ އިސްމާއިލް – ޚާލިދް ޕެއާއެވެ. މި ޓައިގެ ސިންގަލްސް ވައިޖެހޭ އިން ކާމިޔާބުކުރީ އެމެޗުގެ ވެސް ދެ ސެޓު ކާމިޔާބު ކޮށްގެންނެވެ. މި މެޗު ޝާޕްޝޫޓާޒް އިން ކާމިޔާބުކުރީ 21/14 ، 21/19 ގެ ނަތީޖާއަކުންނެވެ. ސިންގަލްސް ގައި ވައިޖެހޭގެ ފަރާތުން މުހައިމިން ވާދަކުރި އިރު ޝާޕްޝޫޓާޒްގެ ފަރާތުން ވާދަކުރީ އިސްމާއިލް އެވެ.
ވައިޖެހޭ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުބާރާތުގައި ކުޅުނު ހުރިހާ ޓައި އަކުން މޮޅުވެގެންނެވެ.
ފިރިހެން ކެޓަގަރީއިން މުބާރާތުގެ ގަދަ ތިން ކުޅުންތެރިންވެސް ވަނީ ހޮވާފައެވެ. އެގޮތުން މިކެޓަގަރީއިން މޮޅު ތިން ކުޅުންތެރިންނަށް ހޮވިފައިވަނީ ވައިޖެހޭގެ މުހައިމިން އަދި އާތިފްގެ އިތުރުން ޝާޕްޝޫޓާޒް ގެ އިސްމާއިލް އެވެ.
ހަވަރު ގާފް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ނިމުމުގެ ރަސްމިއްޔާތު ވަނީ މުބާރާތުގެ ފައިނަލް މެޗްތަކަށް ފަހު ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ހަވަރު ސްޕޯޓްސް ގެ ރައީސް އަބްދުލް މުޤުނީ އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެވެ.
ފިރިހެން ކެޓަގަރީއިން ޗެމްޕިއަންކަން ހޯދި ޓީމް ވައިޖެހޭ އަށް ޗެމްޕިއަން ޝީލްޑް ، ފައިސާގެ އިނާމު އަދި ހަނދާނީ ލިޔުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ހަވަރު ސްޕޯޓްސް ގެ ރައީސް އަބްދުލް މުޤުނީ އެވެ. އަދި ރަނަރަޕް ޓީމަށް ޝީލްޑް ، ފައިސާގެ އިނާމު އަދި ހަނދާނީ ލިޔުން ދެއްވީ ޔޫތް މިނިސްޓްރީގެ އެގްޒެކިއުޓިވް މުހައްމަދު ވިފާގު އެވެ.
މުބާރާތުގެ އަންހެން ކެޓަގަރީ އިން ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް ސަޔަން އެވެ.
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ޓައިޓަލް ސްޕޮންސަރަކީ ހަވަރު ސްޕޯޓްސް އެވެ. އަދި ކޯ ސްޕޮންސްސަރަނުންނަކީ އެފްއެކްސް އެމްވީ އަދި އަކުއާޕްރެޑައިސް އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ހުވަދޫ ބެޑިމިންޓަން ކްލަބް ހަމަޖައްސާފައިވާ އިރު އޮގަނައިޒިންގ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމްއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަށް ޕްރިންޓެކް ހަމަޖައްސައިފައިވާ އިރު ބެވަރޭޖަސް ޕާޓްނަރަކަށް ހަމަޖެހިފައިވަނި ވޯޓާޑެކެވެ.