ހުވަދޫ ސްވިމިންގ ކުލަބުގެ ރަސްމީ އޮފީސް ގދ.ތިނަދޫގައި ހުޅުވައިފިއެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ އޮފީސް ހުޅުވައިދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން، ސަދަރން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން ކޮމާންޑަރ ފަސްޓް ލެފްޓިނެންޓް މުހައްމަދު ހަބީބް އެވެ.
މި ރަސްމިއްޔާތުގައި އެ ކުލަބުން ތަމްރީނު ކޮށްފައިވާ ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުން ހަވާލު ކޮށްފައެވެ. އަދި އެ ކުލަބަށް އެކި ގޮތް ގޮތުން އެހީތެރިވެ ދިން ފަރާތްތަކަށް ވެސް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މީގެ އިތުރުން އެ ކުލަބުގެ މީޑިއާ ޕާރޓްނާރ އަކަށް "ގާފު" އޮންލައިން ހަމަޖައްސާއި އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
ހުވަދޫ ސްވިމިންގ ކުލަބަކީ ހުވަދު އަތޮޅުގައި ފެތުމުގެ ރޫހު އާލާކޮށް ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ފެތުމުގެ ދާއިރާއިން ތަމްރީނު ކުރުމުގެ އިތުރުން މޫދު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ވިސްނުމުގައި މިއަހަރު އުފެދުނު ޖަމިއްޔާއެކެވެ.
މި ޖަމިއްޔާއިން ހުވަދޫ އަތޮޅު ގެ އެކި ރަށް ރަށުގައި ތަމްރީން ޕްރޮގްރާމްތަކާއި، މޫދު ކަސްރަތުގެ އިތުރުން މޫދު ކުޅިވަރު މުބާރާތްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.