
Hulhumale-rashu-market-market
އަންހެނުންކުރާ ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން މާލޭގައި "ކަނބަލުންގެ މާރުކޭޓު"ތައް ތަރައްޤީކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މާރުކޭޓްތަކަކީ އާމްދަނީއެއް ހޯދުމަށް ޓަކައި ގޭގައި ތިބެގެން ކަނބަލުން، ކުރާ ތަފާތު އެކިއެކި މަސައްކަތްތައް މާކެޓްކޮށް އެ ތަކެތި ވިއްކޭނެ ގޮތް ފަހިކޮށްދިނުމަށް ޓަކައި ތަރައްގީކުރާ މާރުކޭޓްތަކެއް ކަމަށެވެ. އަދި އަންހެނުންނަށް ހާއްސަކޮށްގެން މާލޭގައި މާރުކޭޓްތަކެއް އަޅަން ނިންމީ ދިވެހި ކަނބަލުންނަކީ ފުދުންތެރި ބަޔަކަށް ހެދުމުގެ މަގްސަދުގައި ކަމަށް އޭނާ ވިދާޅުވިއެވެ
މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލޭގެ ކޮންމެ އަވަށެއްގައި ކަނބަލުންގެ މާރުކޭޓް ތަރައްޤީކުރުމަށެވެ. މި މާރުކޭޓުތައް ރޯދައިގެން ކުރިން ނިންމުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މޭޔަރު ވިދާޅުވިއެވެ.
މި މާރުކޭޓުތައް ހިންގާ، ބެލެއްޓުމުގެ ހުރިހާ މަސައްކަތްތައްވެސް ކުރާނީ އަންހެނުންނެވެ. މި މަސައްކަތަކީ ދިވެހި އަންހެނުންނަށް ޚާއްސަކޮށްގެން ކުރާ މަސައްކަތަކަށްވާތީ، މާރުކޭޓު ހިންގާ ބެލެހެއްޓުމުގެ އެއްވެސް ކަމެއްގައި ބިދޭސީންނަށް ބައިވެރިއެއް ނުވެވޭނެކަންވެސް މޭޔަރު ފާހަގަކުރެއްވި އެވެ.
"އެ މާރުކޭޓްތަކުގެ ސްޓޯލްތަކުގައި ވެސް ތިއްބަވާނީ އަންހެން ކަނބަލުން. ބިދޭސީންނަކަށް ނުތިބެވޭނެ. މުޅި އޮފަރޭޝަން، ގޭތެރެއިން މާރުކޭޓަށް، މާރުކޭޓުން ގެއަށް. މުޅި ޕްރޮސެސްގެ ހުރިހާ ހިސާބެއްގައި ތިބޭނީ ކަނބަލުން،" މުއިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ މާރުކޭޓުތަކުގެ ޚިދުމަތް ފެށުމުގެ ކުރިން، މި މަސައްކަތުގައި ޝާމިލްވާނެ އަންހެނުންގެ ގްރޫޕެއް ނެގުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ކުރާނެކަމަށެވެ.