ޒުވާން ލޯބި – 05

ހަތަރުވަނަ ބައިގެ ތެރެއިން… އާހިލް ގޮސް އޭނާގެ ގެއަށް ވަންނަންދެން ޒަކީ ބަލަން ހުއްޓެވެ. ލޯބިވާ ރަހުމަތްތެރިޔާ ރައްކާތެރިކަމާއެކު ގެއަށް ވަތްކަން ޔަޤީންކުރުމަށެވެ. އާހިލް ގެއަށް ވަނުމުން ޒަކީ ބައިސްކަލް ދުއްވާލި އެވެ. މަޑު ދުވެއްޔެއްގައި ދުއްވަމުން، އާހިލް އަށް އައިސްފައިވާ ބަދަލާއިމެދު ވިސްނަމުންނެވެ. އާހިލް އެގޮތަށް ރޮނިކޮށް ޒަކީ އަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ…

އާހިލް ގޮސް އޭނާގެ ގެއަށް ވަންނަންދެން ޒަކީ ބަލަން ހުއްޓެވެ. ލޯބިވާ ރަހުމަތްތެރިޔާ ރައްކާތެރިކަމާއެކު ގެއަށް ވަތްކަން ޔަޤީންކުރުމަށެވެ. އާހިލް ގެއަށް ވަނުމުން ޒަކީ ބައިސްކަލް ދުއްވާލި އެވެ. މަޑު ދުވެއްޔެއްގައި ދުއްވަމުން، އާހިލް އަށް އައިސްފައިވާ ބަދަލާއިމެދު ވިސްނަމުންނެވެ. އާހިލް އެގޮތަށް ރޮނިކޮށް ޒަކީ އަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
އާހިލް އަށް މިހާރަކަށް އައިސް އަންނަމުންދާ ބަދަލުތައް ޚުދު ޒަކީ އަށް ވެސް ފާހަގަ ކުރެވެއެވެ. މާ މަޑުޖެހިފައި ހުންނަ ކަމެވެ. އާހިލް އަކީ އަބަދުވެސް މަޑުން ހުންނަ ކުއްޖެކެވެ. އެކަމަކު މިއަދު އާހިލް ބަލިކަށިވިގޮތަށް މީގެ ކުރިން އެހާވަރަށް އޭނާގެ އަމިއްލަ ނަފުސު ބަލިކައްޓެއް ނުވެއެވެ.
'މިއަދު އާހިލް އަށް އެވީ ކިހިނެތް ބާ؟' ޒަކީ ހިތާހިތާ ކިޔައިލި އެވެ. އާހިލްގެ ރަހުމަތްތެރިޔާ ޒަކީ ވެސް ވިސްނުމުގެ ފުން ކަނޑަކަށް ފީނަން މަޖުބޫރު ވެއްޖެ އެވެ.

އާހިލް އެދިޔަގޮތަށް ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. އެއްޗެހިވެސް ބަދަލުނުކޮށް އެނދުމަތީގައި ބަންޑުން އޮށޯތެވެ. ހިތުގައި އަޅަމުންދާ ވޭންތައް ބޭރުކޮށްލުމަށް ހިތްފުރެންދެން ރުޔެވެ.
"ޔާﷲ." މާތް ރަސްކަލާންގެ މަތިން ހަނދާން ކޮށްލަމުން އަނެއްކާވެސް ރޯންފެށިއެވެ. އާހިލްގެ ހިތުގައި އާއިމާ އަށްޓަކައި ފޮރުވިފައިވާ ސާފު ޠާހިރު ފުން ލޯބި  އެކަލާންގެ ދެނެވޮޑިގެންވާނެ އެވެ. އެ ޒުވާން ލޯތްބެވެ.

"ދަރިފުޅާ އާހިލް. ރައްޓެހި ކުއްޖަކު އެބަހުރި ދަރިފުޅު ހޯދަން އައިސް." އާހިލް ގެ މަންމަ އައިސް ބުންޏެވެ. އާހިލް ބޯ ޖަހައިލި އެވެ.
އާހިލް އަށް ކޮޓަރިން ނުވެސް ނިކުމެވިގެން އުޅެނިކޮށް އޭނާގެ ރަހުމަތްތެރި ޒަކީ އައިސް ކޮޓަރިއަށް ވަދެއްޖެ އެވެ.
"އައްސަލާމު ޢަލައިކުމް." އެތެރެއަށް ވަންނަމުން ޒަކީ ގޮވައިލި އެވެ. އޭނާގެ ރަހުމަތްތެރި އާހިލް ގެ ރަތްވެފައިވާ ދެލޮލަށް ބަލަން ހުރެ ހިނިތުންވަމުން ދޮރުމަތީގައި މަޑުކޮށްލި އެވެ.
"ވަޢަލައިކުމުއްސަލާމް." ޒަކީ އާއި ދުރަށް ބަލައިލަމުން އާހިލް ޖަވާބު ދިނެވެ.
ދޮރު ލައްޕައިލަމުން އާހިލް އާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު އާހިލް އެނދުން ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުމެ ބެލްކަނީ ބޭރު ދޮރު ހުޅުވާލި އެވެ.
"ކޮބާ ކިހިނެތްތަ މިހާރު؟" އަލިގަދަކޮށް ފިޔަޖަހަމުންދާ ތަރިތަކަށް ބަލަމުން ޒަކީ ސުވާލުކުރި އެވެ.
"އައޭމް އޯކޭ." އާހިލް ގެ ޖީންސް ޖީބަށް އަތް ޖަހަމުން ޖަވާބުދިނެވެ.
"ހުވާތަ؟!!" އާހިލް އާއި ދިމާއަށް އެނބުރެމުން އަނެއްކާވެސް ޒަކީ ކުރީ ސުވާލެކެވެ.
އާހިލް ޖަވާބެއް ނުދެއެވެ. ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން އިރުކޮޅަކަށް ވެރިވިއެވެ.
"އާހިލް ކޮން ކަމެއްތަ މަށަށް ތި ފޮރުވަނީ؟ އަޅެ ބުނެބަލަ." ޒަކީ ހުރީ ވާނުވާ އެނގެން ބޭނުންވެފައެވެ. އާހިލް ވެސް ޒަކީ އާއި ދިމާއަށް އެނބުރުނެވެ.
"އެއްވެސް ކަމެއް ނުފޮރުވަން. އަހަރެން ކީއްކުރަން ކޮންމެހެން ކަމެއް ފޮރުވަންވީކީ." ހިނިތުންވާން މަސައްކަތް ކުރަމުން އާހިލް ބުންޏެވެ. އެ ހިނިތުންވުން ތުންފަތް މައްޗަށް ވެވިވިޔަސް، އާހިލްގެ ލޮލުން ހިނިތުންވުމުގެ އެއްވެސް އަސަރެއް ނުދައްކައެވެ.
"އާހިލް ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށްތަ؟ ނޫނީ އާހިލް ތި ވިސްނާ ކަމެއް ޝެއަރ ކޮށްލަން އެކަށީގެންވާ ވަރުގެ ރަހުމަތްތެރިއެއް ކަމަށް އަހަރެން ނުދެކެނީތަ؟ އަޅެ ބުނެބަލަ!" ރުޅި އައިސްގެން ޒަކީ ބުންޏެވެ.
"ތިބުނި ކަހަލަ އެއްވެސް ކަމެއް ނުވެޔޭ." ޒަކީ ގެ ހިތް ރުއްސުމަށް އާހިލް މަސައްކަތް ފެށި އެވެ.
"ކަމެއް ވެއްޖެ. ކޮންމެވެސް ކަމެއް ވެއްޖެ. އާހިލް ނުދެކެނީ މަށަކީ ފްރެންޑެއްގެ ގޮތުގަ. އެހެންވެ ތި ހުރިހައި ވޭނެއް ތި ފޮރުވަނީ. ފުރަތަމަ ފަހަރަށް، ފުރަތަމަ ފަހަރަށް މިއަދު މަށަށް މި ފެނުނީ އާހިލް ރޮނިކޮށް. ރުއީކީވެސް ނޫން. މުޅި މީހާ އެއްކޮށް ތިއޮށްގެން ހަނާވަނީ. އެވަރުންވެސް ތިބުނަނީ އެއްވެސް ކަމެއް ނުވެޔޭ. އަހަރެންގެ ރަހުމަތްތެރިޔާ ރޮނީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެ. ރަހުމަތްތެރިޔާ އަށް ވަމުންދަނީ ކޮން އުނދަގުލެއް ކަމެއް ނޭނގެ. މަށަށް އެނގޭ އެކައްޗެއްވެސް ނެތް." ގާތްގަނޑަކަށް ހަޅޭއްލަވަމުން ކަހަލަ ގޮތަކަށް ޒަކީ ފަތިވަރެއް އަމުނާލި އެވެ. އެވަގުތު ޒަކީ ގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލިއްޖެއެވެ.
ބެލްކަނި ތެރެއިން ތަޅުން މައްޗަށް އާހިލް ވެއްޓިގަތެވެ. މޫނުމަތީގައި އަތް އަޅަމުން ރޯންފެށި އެވެ. ޒަކީ ގެ ކަންބޮޑުވުން އިތުރުވިއެވެ. އާހިލް ކައިރީގައި ކަކޫމައްޗަށް އިށީންދެ އާހިލްގެ އަތުގައި ހިފަހައްޓާލި އެވެ.
"ވަޓް ހެޕެންޑް ބަޑީ؟ ބުނެބަލަ ނިކަން." ޒަކީ އަނެއްކާވެސް އެދުނެވެ. ކަރުނައިން ފުރިފައިވާ ދެލޮލުން ޒަކީ އާއި ދިމާއަށް އާހިލް ބަލައިލި އެވެ.
"އޭނަ…. އޭނަގެ ހިތުގެ ވިންދު… ވިންދު އެބަ ޖަހާ މިތަނުން." ހިތްމަތީގައި އަތް ބާވާލަމުން އާހިލް ބުންޏެވެ.
ރަތްވެފައިވާ ދެލޮލާއި މޫނަށް އަދި މަޑު ތުރުތުރެއް އަޅަމުންދާ އާހިލްގެ ތުންފަތަށް ޒަކީ ބަލައިލި އެވެ.
"ލޯބި ވެވުނީ ދޯ؟" އާހިލްގެ ކުރިމަތީގައި ދެފައި ވަށްކޮށް އިށީންނަމުން ޒަކީ ސުވާލުކުރި އެވެ.
"މަށަކަށް… އަހަންނަކަށް ނޭނގޭ އެއީ ކޮންއެއްޗެއް ކަމެއް. އެކަމަކު… އޭނާގެ ސަބަބުން މަށަށް މި ހުރިހައި ގޮތެއްވެސް ވަނީ. ކޮންމެ ދުވަހެއް އަހަންނަށް އެއްގޮތް ބޮޑު ހަނގުރާމައެކޭ. އަހަރެންގެ މައްޗަށް ޝައިޠާނާ ގަދަވެގެންފައިވާ މީހަކަށް ވާކަށް އަހަންނެއް ނޭދެން. އަހަރެން ބޭނުންވަނީ ބެލުން ތިރިކޮށްގެން އުޅެން. އެކަމަކު ކޮންމެ ދުވަހަކު މަގޭ ހިތް ބާރަށް ގޮވަމުންދަނީ އެކުއްޖާ އަށް ބެލުމަށް، މަގޭ ލޯ ސަލާން ޖަހަމުން ދަނީ ލޮލުގެ ހިމަކޮޅުން ނަމަވެސް އެކުއްޖާ އަށް ހަމަ އެންމެ ފަހަރަކު ބަލައިލުމަށް. އެއީ މަށަށް އޭނާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން މަގޭ މި ހިތުގަ ޖަހަމުންދާ ވިންދަކީ. އަހަރެން ކޮންމެ ދުވަހަކު އަހަރެންގެ އެދުންތައް، އަހަރެންގެ މުހުތާދުތައް މިދަނީ މަރަމުން. ކީއްވެގެންކަން އެނގޭތަ؟ އަހަރެން ބޭނުމެއް ނޫން މާތްﷲ ނުރުއްސަވާ ކަމެއް ކުރާކަށް."
އާހިލްގެ ހިތް އެއްކޮށް ބަންޑުންކޮށްލި އެވެ. އާހިލް ގެ ވާހަކަތައް އަޑުއަހަން ޒަކީއަށް އިނދެވުނީ ޝޮކެއްގެ ތެރޭގަ އެވެ.
"ކުއްޖެއް ދެކެ ލޯބިވުމަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ނުރުއްސަވާ ކަމެއް ކަމަށް ދެކެނީ ކީއްވެގެންތަ؟" އާހިލްގެ ހިތުގައި ހިގަމުންދާ ކަންތައް ތައް ރަނގަޅަށް ނޭނގޭ ހާލު ޒަކީ ސުވާލުކުރި އެވެ.
"ސަބަބަކީ އޭނައަކީ އަހަންނަށްޓަކައި މަހުރަމެއް ނޫން. މަންމަ ބުނެފަ އޮތީ އަހަރުމެންނަށް ހިލޭ އަންހެނެއް ދެކެ ލޯބިވެވޭނީ ކައިވެނިކުރާ އަންހެންމީހާ ދެކެ އެކަންޏޭ. ދެން ކިހިނެތް އަހަރެން މިކަން ކުރާނީ. ކިހިނެތް އަހަރެން އޭނަ ދެކެ ލޯބިވާނީ؟

އާހިލްގެ މައުސޫމް ހިތް ރޮއެނަގަނީ އެވެ. އެހިތް ވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގަ އެވެ. ރަނގަޅު ގޮތާއި ނުބައިގޮތް އާހިލް އަށް ވަކިކުރަން ނޭނގޭ ކަހަލައެވެ. ދާނެ ވަކި ދިމާއެއް ނޭނގެއެވެ. ހިނގާންވީ މަގެއް ނޭނގެއެވެ. ލޯތްބާއި އީމާންތެރިކަމާއި ދެމެދުގައި އާހިލް އެވަނީ ތާށިވެފައެވެ. އާހިލްގެ އީމާންތެރިކަމުގެ ސާފުކަން މާތްﷲ ސުބްހާނަހޫ ވަތަޢާލާ ދެކެދެނެވޮޑިގެން ވެއެވެ. ހަމަ އެހެންމެ އާހިލްގެ ހިތުގައި އާއިމާއަށް ދެވިފައިވާ ލޯބިވެސް މެއެވެ. އާހިލްގެ މައުސޫމުކަމާއި އާހިލް ކުރަމުންދާ ހަނގުރާމަވެސް އެކަލާންގެ ދެކެދެނެވޮޑިގެންވެއެވެ.
"އެކުއްޖާގެ އަޑު ޒަކީ އަށް އިވޭތަ؟" މޮޔައެއް ފަދައިން ޒަކީގެ އަތްތިލަ ގެނެސް އާހިލްގެ މޭގައި ޖައްސަމުން ސުވާލުކުރި އެވެ.
"ބަލާބަލަ." އާހިލް ބުންޏެވެ. އެވަގުތު އާހިލްގެ ބަސްނާހާ ހިތުގެ ތެޅުމުގެ އިހްސާސް ޒަކީ ގެ އަތްތިލައިގެ ބަނޑުފުށަށް ހަމަ ރަނގަޅަށްވެސް ކުރެވެމުން ދެއެވެ.

(ނުނިމޭ)

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް