
MD LOGO
ދައުލަތެއްގެ ހިންގުމާ ހަވާލުވާ ސަރުކާރެއްގެ މައްޗަށްވެސް ލާޒިމްވެގެންވާ އެންމެ މުޙިއްމު އެއް ކަމަކީ އެ ޤައުމެއްގެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ލިބިގަތުމުގައި ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމާއި ޒަމާނާ އެއްގޮތަށް އެ ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

ސަރުކާރަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި "ޔުޓިލިޓީ"ގެ ޚިދުމަތްތަކަކީ އެންމެ މުޙިއްމު ޚިދުމަތްތަކެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކުން ޤައުމެއްގެ "ސްޓޭންޑަޑް އޮފް ލިވިން" މިން ކުރުމުގައި ޔުޓިލިޓީގެ ޚިދުމަތްތަކަކީ މުޙިއްމު ދައުރެއް އަދާ ކުރާ ދާއިރާއެކެވެ.
ޖަޒީރާވަންތަ މި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ތަސައްވުރާއެކު އެ ލަނޑުދަނޑިއަށް ވާސިލްވުމަށްޓަކައި މަސައްކަތްކުރި އިންޤިލާބީ ލީޑަރުންގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޝަޚްސަކީ, ސަރުކާރުގެ ޔުޓިލިޓީ ކުންފުނި, ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާ މިހާރު ޙަވާލުވެ ހުންނެވި, ގދ. ވާދޫ, މައިފޫނާގޭ އަޙްމަދު ސަޢީދު މުޙައްމަދު (މައިފޫނާ ސައީދު)އެވެ.
ސައީދަކީ, ރައްޔިތުންގެ ޖީބުން ޚަރަދުކޮށްގެން ކަރަންޓުގެ ޚިދުމަތް ލިބިގަތުމަށް ރަށްރަށުގައި އެޅި "ރައްޔިތުންގެ އިންޖީނުގެ"ތައް ސަރުކާރު ހިއްސާވާ "ޔުޓިލިޓީ" ކުންފުންޏެއްގެ ދަށަށް ގެނެސް, ސީދާ ސަރުކާރުން ހިންގާ ގޮތަށް ބަދަލުކުރުމާއެކު, އެ ޚިދުމަތަކީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރި މަސައްކަތުގައި އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ލީޑަރެކެވެ.
ސަރުކާރުގެ ތެރެއިން އޭނާގެ ޚިދުމަތް ރަސްމީކޮށް ފެންނާން ފެށީ, 2009 ވަނަ އަހަރު ވުޖޫދަށް އައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނު އައި އިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ޤާއިމްކުރި ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން "އަޕަރ ސައުތް ޔުޓިލިޓީސް" ކުންފުނިންނެވެ. އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރގެ މަގާމުގައި ހުންނަވައިގެން އޭނާ ވަނީ އިތުރު ޓެކްނޮލޮޖީތައް ތައާރަފްކޮށް, ޔުޓިލިޓީސް ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްދެއްވާފައެވެ.
ރާއްޖޭގެ ޔުޓިލިޓީސް ދާއިރާއަށް އައި ކުރިއެރުމާއި ތަރައްގީގެ އެއް ބާނީއަކީ ސައީދުކަން ހަމަ ޔަގީނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު އެމްޑީޕީއިން ދައުލަތް ހިންގުމާ ޙަވާލުވެ, ސަރުކާރުގެ މައި ޔުޓިލިޓީ ކުންފުނީގެ ހުންގާނު ޙަވާލުކުރެއްވީ ސައީދާއެވެ. ސައީދު ފެނަކައާ ޙަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާގެ ހިންގުންތެރި ވިސްނުމާއި ދުރުވިސްނޭ ސިޔާސަތުގެ ދަށުން އެކުންފުންޏަށް މިދިޔަ ތިން އަހަރު ދުވަސްތެރޭ ތަފާތު ކާމިޔާބީތައް ހޯދިފައިވެއެވެ. މިއަދު ފެނަކަ ކުންފުންޏަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތިފައިވާ, ވިޔަފާރި ފައިދާ ހޯދަމުން އަންނަ ކާމިޔާބު ކުންފުންޏެކެވެ.
އޭނާގެ މޭސްތިރިކަމުގެ ދަށުން ރާއްޖޭގެ ޔުޓިލިޓީސް ދާއިރާއަށް ލިބުނު ކުރިއެރުންތަކާއި ކުންފުނީގެ ޕާފޯމަންސާއި ތަސައްވުރާއި ލީޑާޝިޕްއަށް ބެލުމަށްފަހު 2019 ވަނަ އަހަރު އޭޝިއަން ޔުޓިލިޓީ އެވޯޑްސްގައި "އޭޝިއަން ޔުޓިލިޓީ ލީޑަރ" އެވޯޑުވެސް ލިބިފައިވަނީ ސައީދަށެވެ.