ޒުވާން ލޯބި – 02

ފުރަތަމަ ބައިގެ ތެރެއިން…. އެހެނަސް އޭނާގެ އެތެރެ ވަރަށް ބަލިކަށްޓެވެ. ހިތް އެދި ގޮވަމުން ދަނީ ހަމަ އެއްމެ ފަހަރަކު، ކުޑަ ހިނދުކޮޅަކަށް ނަމަވެސް އާއިމާ އަށް ބަލައިލުމަށެވެ. އާހިލް ގެ ހިތު ވިންދުގެ ޙައްޤަށްޓަކައި ނަމަވެސް މެއެވެ. އޭނާގެ ހިތުގައި ޖަހަމުން ދާ ހަމަ ކޮންމެ ވިންދަކުން އިވެމުންދަނީ އޭނާގެ ހިތުގެ ދުލުން ކިޔަން ބޭނުންވާ ނަމެވެ. އާއިމާ ގެ ނަމެވެ….

އާއިމާ ޕްރެޒެންޓޭޝަން ދެމުން ދިޔައިރު އާއިމާ ގެ އަޑު އެއްވެސް ހުރަހެއް ނެތި ވަންނަމުން ދިޔައީ އާހިލް ގެ ހިތަށެވެ. ހިތުގެ އެއްމެ ފުނަށެވެ. އެ އަޑު އިވުމުން އާހިލް ގެ ނަފުސަށް ހަމަޖެހުން ލިބެމުން ދިޔައެވެ. ހަމަ އެއާއިއެކު އޭނާގެ ހިތުގެ ގޮވުންވެސް ހިނދެއް ހިނދަކަށް އިތުރުވަމުން ދިޔައެވެ. އާއިމާ ގެ މޫނު ދެކިލާހިތުން އޭނާ މަރުދެނީ އެވެ. އެކަމަކުވެސް އިސް އުފުލައި އެންމެ ފަހަރަކުވެސް އާއިމާ އަށް ބަލައިލުމަކަށް އޭނާގެ ނަފުސަށް، އޭނާގެ ޟަމީރު ހުއްދައެއް ނުދިނެވެ. އާއިމާ ގެ ޕްރެޒެންޓޭޝަން ގެ ދިހަ މިނެޓް އާހިލް އަށް ވެގެން ދިޔައީ ދިހަ ޤަރުނަށެވެ. އެ ވަގުތުގައި އާއިމާ ގެ މަސްތުން ފުރިފައިވާ އިޝްޤީ ލޮލުން އެއްވެސް ހުއްޓުމެއް ނެތި ބަލަމުން ދިޔަކަން އާހިލް އަށް އިޙްސާސް ކުރެވެއެވެ. އެކަމަކުވެސް ހަމަ އެއްމެ ފަހަރަކުވެސް އޭނާ އާއިމާ އާއި ދިމާއަށް ބަލައެއް ނުލައެވެ.

އާއިމާ ގެ ޕްރެޒެންޓޭޝަން ނިމުނު ވަގުތަކީ ރަނގަބީލުވެސް ޖެހި ވަގުތެވެ. އެމީހުންގެ މުދައްރިސުން ނިކުމެގެން ހިނގައްޖެ އެވެ. މުދައްރިސް ގެ ފަސްފަހަތުން ކަހަލަ ގޮތަކަށް އަވަސް އަވަހަށް އާހިލް ވެސް ނިކުތެވެ. ކުލާހުގެ އެއްވެސް ކުއްޖަކަށް ބަލާކަށް، އެއްވެސް ކުއްޖަކާ ވާހަކަ ދައްކަން ހުންނަން އާހިލް އަށް ކުޅަދާނަ ނުވީއެވެ. އާހިލް ގެ ނޭވާ ވަނީ ކުރުވެފައެވެ. މޫނު ވަނީ ރަތްވެފައެވެ. އަވަސް އަވަހަށް އޭނާ ގޮސް ވަނީ ފާޚާނާ އަށެވެ. މޫނު ދޮންނަ ތަށީގެ ކުރިމަތީގައި ހުއްޓެމުން ލޯގަނޑުން މޫނު ބަލައިލަމުން މޫނަށް ފެންޖަހަން ފެށިއެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އޭނާގެ ލޮލުން ނަގަމުންދިޔަ ދިލަކަން ކަނޑުވާލުމަށެވެ. އެކަމަކު ވީ ހަމަ އެއްވެސް ކަމެއް ނެތެވެ. ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. ކިތައްމެ ސިއްރެއް ކުރިޔަސް ބައެއް އެއްޗެތި ހިފެހެއްޓޭނީ ވެސް ވަކިވަރަކަށް ތާއެވެ. އޭނާގެ ހިތުގެ ރުއިމުގެ ކަރުނަތައް ލޮލުން ފައިބަމުންދާ ކަހަލައެވެ.
"ޔާ ﷲ. އަހަންނަށް މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟" ދެލޯ މަރައިލަމުން އާހިލް ގެ ހިތަށް އައި ލަފުޒުތައް ދުލުން ކިޔައިލަމުން މޫނު ދޮވެލި އެވެ.
މޫނު ދޮވެ ނިމިގެން، ފުން ނޭވާއެއް ދޫކޮށްލަމުން ފާޚާނާއިން ނިކުމެއްޖެ އެވެ. މަދު ފިޔަވަޅުކޮޅެއް ވެސް ނޭޅި އުޅެނިކޮށް އަންހެން ކުދިންގެ ގްރޫޕެއް އެދިމާއަށް އަންނަތަން ފެނިއްޖެ އެވެ. އެއީ އާއިމާ ގެ ރައްޓެހިން ކޮޅެއްކަންވެސް އާހިލް އަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން އެ ގްރޫޕްގައި އާއިމާ ވެސް ހުންނާނެކަން ޔަޤީން ކުރެވުނެވެ. އަވަސް އަވަހަށް އިސްޖަހާލައިގެން އެ ގްރޫޕް ކުދިން ފަހަނައަޅައި ގޮސް އޮބާލައިފި އެވެ.
އެދުވަހު ބާކީ އޮތް ވަގުތު ތަކުގައި ވަރަށް މަސައްކަތުން ނަމަވެސް އާހިލް ގެ ވިސްނުން ބެހެއްޓީ ކިޔެވުމުގެ ކަންތައްތަކުގައެވެ. އެކަމަކުވެސް އޭނާ ލާ ކޮންމެ ނޭވާއަކާއި އެކު އިވެމުން ދިޔައީ އޭނާގެ ހިތް އެ ނަމަކަށް ގޮވަމުންދާ ނަމެވެ. އާއިމާ ގެ ނަމެވެ.
ސްކޫލްގެ ކިޔެވުން ނިމޭ ރަނގަބީލު ޖެހުމާއިއެކު ހުރިހާ ކުދިންތައް ސްކޫލުން ނިކުމެ ގެއަށް ދިއުމަށް އަވަސްވެގެންފި އެވެ. އާހިލް ވެސް އޭނާގެ ބައިސްކަލަށް އަރައިގެން އަވަހަށް ދުއްވާލިއެވެ. އާއިމާ ފެންނަ ހިސާބުން ވީހާ އަވަހަކަށް ދިއުމަކީ އޭނާ ގެ ނަފުސު ބޭނުންވާ ގޮތެވެ.

"އަހަނ.. ދަރިފުޅު ތި އައީ ދޯ!" އާހިލް ގެއަށް ވަންތަން ފެނުމުން އޭނާ ގެ މަންމަ ބުންޏެވެ. ކުޑަކުއްޖެއް ފަދައިން މަންމަ ކައިރިއަށް ގޮސް މަންމަ ގެ ގައިގާ ބައްދާލި އެވެ.
"އައްސަލާމު ޢަލައިކުމް މަންމާ." އާހިލް އޭނާގެ މަންމަ އަށް އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމް ގޮވާލި އެވެ. ސޯފާ ގައި މަންމަ އިށީންނުމުން މަންމަ ގެ ކައިރީގައި އާހިލް ވެސް އިށީންދެއްޖެ އެވެ.
"ވަޢަލައިކުމުއްސަލާމް." ސޯފާގައި އިށީންދެ ހަމަޖެހިލަމުން އާހިލް ގެ ސަލާމަށް މަންމަ ޖަވާބު ދިނެވެ.
"ކޮއްކޯ ފެން."
އާހިލް އިސްއުފުލައި ބަލައިލިއިރު ކުރިމަތީގައި ހުއްޓިގެން ހުރީ އެގޭގައި މަސައްކަތް ކުރަން ގެންގުޅޭ މީހާ އެވެ. ފެންތަށީގައި ހިފުމާއިއެކު ބިސްމި ކިޔައި އަވަސް އަވަހަށް ފެންތަށި ބޯންފެށި އެވެ. ފެން ބޮއެ ނިމުމުން އާހިލް ގެ މަންމަ އާހިލް ގެ ބޮލުގައި މަސާޖް ކުރަން ފެށި އެވެ. އެއީ އާހިލް މަންމަ ގެ އާދައެކެވެ. ރާއްޖޭގައި އާއްމު ކަމެއް ނޫނަސް އެކަމަކީ އާހިލް މަންމަ ގެ އުފަން ގައުމު ޕާކިސްތާނުގައި އާއްމު ކަމެކެވެ. އާހިލް މަންމަ އަކީ ޕާކިސްތާނު ގެ އިސްލާމް އާބާދަށް އުފަން މީހެކެވެ. ބިޔަ ދޮން އަންހެނެކެވެ. އަބަދުވެސް ހުންނަނީ މޫނުބުރުގާ އަޅާފައެވެ. ފެންނަން ހުންނަނީ ހަމައެކަނި ދެލޯ އެކަންޏެވެ. އޭނާ ރާއްޖެ އައިސް މާލޭގައި ވަޒަންވެރިވީ އާހިލް ގެ ބައްޕަ ޙާފިޟް ކަން ކިޔަވަން ޕާކިސްތާނަށް ގޮސްއުޅުމުގެ ތެރޭގައި އާހިލް ގެ ބައްޕަ އާއި ކައިވެނިކޮށްގެން ޕާކިސްތާނުގައި ދެ އަހަރު އުޅުމަށްފަހުގަ އެވެ.
"އާއިޝާ ގެއަށް އަތުވެއްޖެ ތަ؟" އާހިލް ގެ ހަގަށް ހުންނަ އަންހެން ކޮއްކޮ ގެ ވާހަކަ އެހިއެވެ.
"އިރުކޮޅެއް ކުރިން އައިސްފި. ވެއްޖެ ނަމާދު ކުރަން ގޮސް." މަންމަ ޖަވާބު ދިނެވެ. އާހިލް ބޯ ޖަހައިލި އެވެ.
"އަހަރެންވެސް މި ދަނީ ނަމާދު ކުރަން. ނަމާދުން ފައިބައިގެން އަންނާނަން އެއްމެން އެކުގަ ކާން." މިހެން ބުނެފައި ސިޑިން މައްޗަށް އަރަންފެށިއެވެ. އާހިލް ގެ ކޮޓަރި ހުންނަނީ ޑެގް އަޅައިގެން ދެބުރިއަށް ނަގާފައިހުރި ގޭގެ ފުރަތަމަ ފަންގިފިލާގަ އެވެ.
އާހިލް ސިޑިން މައްޗަށް އަރަމުން ދިޔައިރު އާހިލް ގެ މަންމަ އިނީ ވަރަށް ފަޚްރުވެރިކަމާއިއެކު އޭނާގެ ސޯޅަ އަހަރަށްދާ ހަމަ އެކަނި ފިރިހެން ދަރިފުޅަށް ބަލާށެވެ. އެހެން އިންއިރު އެ މަންމަގެ ހިތުގެ އެއްމެ ފުންމިނުން މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކިބަފުޅަށް ޝުކުރުވެރިވަމުން ދިޔައެވެ. އެއީ އޭނާ ބޭނުންވި ފަދަ ފިރިހެން ދަރިއެކެވެ. ވަރަށް ޅަ އުމުރުގައި ދީނީ ކަންކަމަށް އޭނާ ފަރުވާ ބަހައްޓަން ފަށައިފިއެވެ. އެހެން ކަމުން އެކަމާ ފަޚްރުވެރިވެ ޝުކުރުވެރި ނުވާނެ މަޔަކު ހުންނާނެހެއްޔެވެ؟ އަހަރެމެންގެ ދީނުގައި އަންގަވާފައިވާ ހަމަ ކޮންމެ ކަމަކަށް ވަރަށް ފުރިހަމައަށް އާހިލް އަމަލު ކުރަމުންދާތަން އަންނަނީ ފެންނަމުންނެވެ. މާތް ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެ ފުރިހަމަ ސުންނަތަށްވެސް ތަބާ ވަމުންނެވެ.
"އަލްޙަމްދުލިﷲ." މަޑުމަޑުން ﷲ އަށް ޙަމްދު ކުރަމުން އާހިލް މަންމަ ވެސް ނަމާދު ކުރުމަށްޓަކައި ކޮޓަރިއަށް ވަދެއްޖެ އެވެ.

ސަލާމްދީ ނިމުނު އިރު އާހިލް ގެ ދެލޯ ވަނީ ކަރުނައިން ތެމި ފޯވެފަ އެވެ. ދެއަތް މައްޗަށް އުފުލާލައި ދެލޯ މަރައިލި އެވެ. ލޯ މަރާލުމާއި އެކު އާހިލް ގެ ކުރިމަތިން ފެންނަން ފެށީ އާއިމާ ގެ މޫނެވެ. މީގެ އެތަކެއް އަހަރުތަކެއް ކުރިން ކުޅޭ ބިމުން ފެނުނު މޫނެވެ.
"ޔާ ﷲ، މިއަޅާ އަށް މިކަމުން ނަޖާ ވުމުގައި އެހީތެރިވެވޮޑިގަންނަވާންދޭވެ." ތުރުތުރު އަޅަމުން ދިޔަ ދެތުންފަތުން އާހިލް ދުޢާކުރި އެވެ. އެވަގުތު ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހެންފެށި އެވެ.
"މަހްރަމަކާއި ދިމާއަށް ބެލުމާއި، މަހުރަމަކާއިމެދު ވިސްނުމަކީ މި އަޅާއަށް ކުރެވޭ ބޮޑު ފާފައެއްކަން މިއަޅާއަށް އެނގެއެވެ. އެކަމަކުވެސް އެކުއްޖާ ދެކެ ވެވޭ ލޯބީގެ ބޮޑުކަމުން މިއަޅާގެ ދެލޮލަށް ކަރުނަ ޖަމާވަނީ އެވެ. އެކުއްޖާ އާއި ދުރުގައި އުޅުމަށް މިއަޅާ މި އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެކުއްޖާއާއަށް ނުބެލުމަށާއި، އެކުއްޖާއާއި ދޭތެރޭ ނުވިސްނުމަށެވެ. މިއަޅާ މަސައްކަތް ކުރަމުން މިގެންދަނީ ހިލޭ އަންހެނުންނާއި ދިމާއަށް ނުބަލާ އުޅޭ ހެޔޮލަފާ މުސްލިމަކަށް ވުމަށެވެ. ބެލުން ތިރިކޮށްގެން އުޅުމަށެވެ. އެކަމަކުވެސް މި އަންހެން ކުއްޖާ ގެ ނަން އަހަރެންގެ މިތަނުގައި، ހިތުގައި ޖަހާ ވިންދާއި އެކުގައި ވަނީ އެވެ. ޔާ ރައްބު. މިއަޅާއަށް އެހީތެރިވެ ވޮޑިގަންނަވާންދޭވެ. މިއަޅާއަށް މިކަމަށް މިވަނީ ބާރުފޯރުވޭގޮތް ނުވެފައެވެ. ކޮންމެ ދުވަހަކުވެސް އެކުއްޖާއަށް މިއަޅާގެ ހިތް ކިޔަމުން ދަނީ އެވެ. މިއަޅާއަށް އެހީތެރިވެ ވޮޑިގަންނަވާންދޭވެ."
ދުޢާކޮށް ނިމިގެން އާހިލް ތެދުވި އެވެ.
ކުޑަދޮރު ކައިރިއަށް ގޮސް ހަނދަށް ބަލަންފެށި އެވެ. އެވަގުތު އާހިލް ގެ މަންމަ ގޮވައިލި އަޑު ކަންފަތުގައި ޖެހުނެވެ.
'އެއްމެ ހެޔޮލަފާ މީހުންނަކީ އެމީހުންގެ ބެލުންތައް ތިރިކުރާ މީހުން. އެމީހުންނަކީ މާތް ﷲ އެންގެވި ގޮތަށް އުޅޭ ހެޔޮލަފާ މީހުން. އެމީހާ އަކީ އަންހެނުންނަށް އިޙްތިރާމު ކުރާ، ފަސްވަގުތު ނަމާދު ކުރާ އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް އެހީތެރިކަމަށް ނޭދޭ މީހުން.'
ދެލޯ މަރައިލަމުން އާހިލް ގްރޭޑް ހައެއް ގައި އުޅުނުއިރު އޭނާގެ މަންމަ ދީފައިވާ ނަސޭޙަތްކޮޅު ހަނދާން އާކޮށްލި އެވެ.
"އަހަރެންގެ ބެލުން ތިރިކުރާނަން." އަމިއްލަ ނަފުސަށް އާހިލް ބުންޏެވެ. ކުޑަދޮރު ލައްޕާލައި ކޮޓަރިން ނިކުންނަށް ހިނގައިގަތެވެ.
"އަހަރެން ދުވަހަކުވެސް އެ ކުއްޖާ އަކަށް ނުބަލާނަން."
(ނުނިމޭ)

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް