ދައުލަތަށް ބޭނުންވާ 4.63 ބިލިއަން ރުފިޔާ (300 މިލިއަން ޑޮލަރު) ހޯދުމަށްޓަކައި ސްކޫކު ގަތުމަށް ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ސަރުކާރުން ނިންމައިފިއެވެ.
އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ ގުޅިގެން ކަމަށާއި، މި ކަމުގެ އެގްރީމަންޓެއް މިހާރު ވެސް އެފަރާތާއެކު ހެދިފައިވާ ކަމަށް އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް މިދިއަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ.
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ދައުލަތަށް ބޭނުންވާ ފައިސާ ބައިނަލް އަގްވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރަށް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީޑީ)އާއެކު ކުރަމުންދާ ކަމަށެވެ.
އަދި އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސްކޫކް ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރފޮސް ވެސަލް (އެސްޕީވީ)އެއް ހެއްދުމަށް ސްކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސްޕީވީ އަށް ޓްރާންފަރ ކުރަން ޖެހޭ ކަމަށް އެ ސިޓީގައި ވެއެވެ.
ތިން ސަތޭކަ މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ވިއްކުމަށް ހެލްތު މިނިސްޓްރީގެ ނަމުގައި އޮތް ދަރުމަވަންތަ ހޮސްޕިޓަލު އަޅާފައިވާ ބިން ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކޮށްގެން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.