logoEN
ކޮކާކޯލާ
ފައިސާ އެބަހުރިތަ؟ މި ކިޔާލުން މުހިންމު!

ފައިސާ އެބަހުރިތަ؟ މި ކިޔާލުން މުހިންމު!

ގާފު އެޑިޓޯރިއަލް

logo

11/16/2020, 3:04:02 PM

# ފައިސާ

unnamed

ބަޖެޓް ކުރަން އެނގުން:

އަބުޅޯ

ފައިސާ ލިބޭ މިންވަރަށް ބިނާކޮށް، ލިބޭ ފައިސާ ޚަރަދު ކުރާނޭ ގޮތުގެ ޕްލޭނެއް ރާވާލުން މިއީ ބަޖެޓް ކުރުމަށް ކުރެވޭނެ އެންމެ އަސާސީކަމެވެ. މިފަދަ ތަފްސީލީ ބަޖެޓެއް ހަދައިގެން ލިބޭ އާމްދަނީ ޚަރަދުކުރަނީ، ވަޒީފާ އަދާކޮށް އާމްދަނީ ލިބޭ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނެވެ. މިފަދަ ޕްލޭނެއް ނުވަތަ ބަޖެޓެއް އެކުލަވާލުމަށް ކުރެވިދާނެ ފުރަތަމަ ކަމެއްގެ ގޮތުގައި، ލިބޭ އާމްދަނީ އާއި ކުރަންޖެހޭ ޚަރަދުތައް ލިސްޓް ކުރެވިދާނެއެވެ. މަސްދުވަހުގެ ޚަރަދުތައް ލިބޭ އާމްދަނީގެ ތެރެއިން ހަމަޖެއްސޭތޯ ގަދައަޅައި މަސައްކަތް ކުރެވިދާނެއެވެ. ކުރީމަހުގެ ބެންކް ސްޓޭޓްމަންޓެއް ނުވަތަ ކުރެވިފައި ހުރި ޚަރަދުތަކުގެ ތަފްޞީލްބަލައިގެން ޚަރަދުތައް ތަފާތު ކެޓަގަރީތަކަށް ބަހާލައިގެން ރަނގަޅު ބަޖެޓެއް ހެދިދާނެއެވެ.

"ނެގޯޝިއޭޓް" ކުރުން ނުވަތަ ތަފާތު ހުށަހެޅުންތައް ހުށައަޅައިގެން އެއްބަސްވުމަކަށް އައުމުގެ ހުނަރު:

ތަފާތު ހުށަހެޅުންތައް ހުށައަޅައިގެން އެއްބަސްވުމަކަށް އައުމުގެ ހުނަރަކީ، ވިޔަފާރި ކުރުމުގައި ވަރަށް މުހިންމު ހުނަރެކެވެ. ގިނަ މީހުންނަކީ ވިޔަފާރީގައި މިގޮތަށް ހުށަހެޅުންތައް ހުށައަޅައިގެން އެއްބަސްވުމަކަށް އަންނަން ބޭނުން ނުވާ ނުވަތަ ޖެހިލުންވާ މީހުންނެވެ. ނަމަވެސް ރަނގަޅަށް "ނެގޯޝިއޭޓް" ކުރުމުގެ ހުނަރު ހުރި މީހެއްކަމުގައި ވާނަމަ، ގަނެ ވިއްކުމުގައި އޭނަޔަށް އެންމެ މަންފާ ބޮޑުގޮތް ހޯދާނެއެވެ. މިހުނަރު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށް "ނެގޯޝިއޭޓް" ކުރާ ފަރާތަށް ތަކެތީގެ ބާޒާރުގެ އަގުތައް އެގުން މުހިންމެވެ. ގަންނަން ބޭނުންވާ އަގާއިމެދު ހިތްހަމަ ނުޖެހޭނަމަ އެއެއްޗެއް އެއަގަކަށް ނުގަންނާނެކަމަށް ބުނާށެވެ. އަދި ވާހަކަދައްކައިގެން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއެއްޗެއް ނުގަންނާށެވެ.

ބޭނުން ތަކެއްޗާއި، ބޭނުންވާ ތަކެތީގެ ތަފާތު ވަކިކުރަން ދަނެގަތުން:

ބޭނުންތަކެއްޗާއި ބޭނުންވާ ތަކެތީގެ ތަފާތު ވަކިކުރަން އެނގުމަކީ ފައިސާ ގެންގުޅޭ ކޮންމެ މީހަކަށް އެނގެންޖެހޭ އަސާސީ ހުނަރެކެވެ. ބޭނުންތަކެއްޗަކީ އަހަރެމެން ގަންނަ ހިތްވާ ނުވަތަ ގަންނަން ބޭނުންވާ ތަކެއްޗެވެ. ބޭނުންވާ ތަކެއްޗަކީ އެއާއި ނުލައި ކޮންމެހެން ނުއުޅެވޭނެ ތަކެއްޗެވެ. ނުވަތަ އެ ޚަރަދެއް ނުކޮށް ނުވާނެ ޚަރަދެވެ. ގަންނަން ބޭނުންވާ ތަކެތީގެ ކިތަންމެ ދިގު ލިސްޓެއް ހެދިކަމުގައިވިޔަސް އެގޭ ގޯހެއް ނެތެވެ. ޚަރަދުކުރުމުގައި ބޭނުންތަކެއްޗާއި ބޭނުންވާތަކެތި ވަކިކުރުމުގެ ޤާބިލްކަން އިތުރުކޮށް، ރަނގަޅު ނިންމުން ނިންމުން ވަރަށް މުހިންމެވެ.

އިންޓަރެސްޓް ބޮޑު ދިގުމުއްދަތުގެ ދަރަނިތައް އިޚްތިޔާރު ނުކުރުން:

މަހުން މަހަށް ފައިސާ ދައްކައި ޚަލާސްކުރާގޮތަށް، ކިތަންމެ ކުޑަ އަދަދެއް ދައްކަން ޖެހުނުކަމުގައިވެސް، އިންޓަރެސްޓް ބޮޑު ދަރަނިތައް އިޚްތިޔާރު ނުކުރާށެވެ. އިންޓަރެސްޓް ބޮޑު ދަރަނިތައް އިޚްތިޔާރު ކުރުމުގެ ބަދަލުގައި، ބޮޑު އަދަދެއް ދައްކަން ޖެހުނު ކަމުގައި ވިޔަސް، އިންޓަރެސްޓް ކުޑަ، ކުރުމުއްދަތުގެ ދަރަނި އިޚްތިޔާރުކުރުން ބުއްދިވެރިއެވެ. ސްކޫލް ނިންމާ ދަރިފުޅަށް ސައިކަލަކާއި، ފަހުގެ ފޯނެއް އިންސްޓޯލްމަންޓަށް ގަންނަން ބޭނުންވެގެން، ލޯނުތައް ހުރެގެން އެކަން ނުވެގެން، 65 އަހަރު މާމައަށް ލިބޭ ފަސްހާސް ރުފިޔާއިން ލާރި ދައްކާގޮތަށް ސައިކަލާއި، ފަހުގެ ފޯނުތައް ދަރިންނަށް ގަނެދޭ މައިންބަފައިން ގިނައެވެ. މިއީ ވިސްނާލަންޖެހޭ ކަމެކެވެ.

"ބާގެއިން ކުރުން" ނުވަތަ އަގު ދަށްކުރެވޭތޯ ވާހަކަދެއްކުން:

ތަފާތު ބާވަތުގެ ސާމާނު ގަތުމުގައި، ލޭބަލް ކުރެވިފައިވާ ކޮންމެ އަގަކަށް ތަކެތި ގަތުމުގެ ބަދަލުގައި އަގު ކުޑަކުރެވޭތޯ ވާހަކަ ދެއްކިދާނެއެވެ. ޑިސްކައުންޓެއް ދެވިދާނެތޯ ސުވާލުކުރެވިދާނެއެވެ. މިއީވެސް އަތުން ޚަރަދުވާ މިންވަރު ކުޑަކޮށްލުމަށް ކުރެވިދާނެކަމެކެވެ.

ބޭނުންކޮށްފައި ހުންނަތަކެތި، އުކާލުމުގެ ބަދަލުގައި ދެވަނަ ފަހަރަށް ބޭނުންކުރެވިދާނެ ގޮތެއް ބަލައި ބޭނުންކުރުން:

ހުރިހާ ބޭނުމަކަށް އާ ތަކެތި ގަތުމުގެ ބަދަލުގައި ބޭނުންކޮށްފައި ހުންނަ ބައެއްތަކެތި އުކާލުމުގެ ބަދަލުގައި، އެއެއްޗަކުން ހިފިދާނެ އިތުރު ބޭނުމެއް އޮތްތޯ ބަލައި، ދެވަނަފަހަރަށް އަލުން ހިފިދާނެ ބޭނުމަކަށް ބޭނުންކުރެވިދާނެއެވެ. މިއީ ޚަރަދުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ.

މީރު ކާއެއްޗެހި ތައްޔާރުކުރަން އެގުން:

ރެސްޓޯރަންޓް ތަކާއި، ކާބޯތަކެތި ޑެލިވަރީ ކުރާ ތަންތަނުގެ ވިޔަފާރި ވަރަށް ބޮޑުތަނުން ކުރިއަރާފައި ވެއެވެ. ރެސްޓޯރަންޓްތަކުގެ ކާތަކެއްޗަކީ ވަރަށް ގިނަ މީހުންނަށް މީރު އަދި ގަޔާވާ އެއްޗެކެވެ. ގިނަ އަދަދެއްގެ މީހުން ރެސްޓޯރަންޓުން ކައި، ކާތަކެތި އޯޑަރުކޮށް، ގެއަށް ޑެލިވަރީކޮށްގެންވެސް ކައި ހަދައެވެ. ދަރިފުޅުގެ ސްކޫލް އިންޓޯލަށްވެސް ރަނގަޅު ހަށިގަނޑަށް ފައިދާހުރި މީރު ކާއެއްޗެއް ތައްޔާރު ކުރުމުގެ ބަދަލުގައި، ދަރިފުޅު ސްކޫލަށް ގެންދާ މަގުމަތީގައި ކޮންމެވެސް ކަންމަތީ ފިހާރަޔަކުން "ހޮޓް ޑޯގެއް" ، "ބާގާއެއް" ، "ސަބްމެރިން" އެއް ގަނެގެން ދާ މައިންބަފައިން މިމުޖުތަމަޢުގައި ގިނައެވެ. ޚަރަދުގެ ގޮތުން ބަލާއިރު، މިއީ ވަރަށްވެސް ބޮޑު ޚަރަދެއް ހިގާ ކަމެކެވެ. ހުރިހާ ގަޑިޔަކަށް އަމިއްލަޔަށް ކާތަކެތި ތައްޔާރުކޮށް ގޭގައި ކެއުމަކީ، ކުޑަކޮށް ބުރަ އަދި ތައްޔާރުކުރުމަށް ވަގުތު ހޭދަވާ ކަމެކެވެ. ނަމަވެސް ސިއްޙަތަށް ފައިދާ ހުރި ތާޒާ ކާއެއްޗެހި ގޭގައި ތައްޔާރުކޮށްގެން ކެއުމަކީ، މީހާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. މިއީ ވަރަށް ބޮޑަށް ޚަރަދު ކުޑަވެ، ކާތަކެތި އަމިއްލަޔަށް މީރުކޮށް ތައްޔާރުކުރަން އެނގުމުގެ އުފާ ލިއްބައިދޭ ކަމެކެވެ. ރެސްޓޯރަންޓް ތަކުން ކެއުން އަދި ބޭރުން ކާތަކެތި އޯޑަރު ކުރުން ވިހާވެސް ބޮޑަށް މަދު ކުރުން ބުއްދިވެރިއެވެ. ކުދިންގެ އިންޓަވަލްއަށް ވިއްކަން ހުންނަ ކާތަކެތި ގަތުމުގެ ބަދަލުގައި، ދަރިންގެ ހެދި ބޮޑުވުމަށް ފައިދާ ހުރި ރަނގަޅު ނާސްތާއެއް ގޭގައި ތައްޔާރު ކުރެވިދާނެއެވެ.

އަމިއްލަ ދިރިއުޅުމުގައި ކުރަންޖެހޭ ކުދިކުދި ކަންކަން އަމިއްލަޔަށް ކުރުމުގެ ހުނަރު:

ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންކަން، ބިދޭސީ މަސައްކަތު މީހުންނަށް ފައިސާދީގެން ކުރުވުމުގެ ސަޤާފަތެއް ދިވެހިންގެ ތެރޭގައި ވަނީ އަށަގެންފައެވެ. ގޯތިތެރެ ކުނިކެހުން، ގޭގެ ފާޚާނާ ސާފުކުރުން، ގޯތިތެރެ ވިނަ ނޮޅާ ސާފުކުރުން، ގޭގައި ކުލަލުން، ގޭގައި ހަލާކުވެފަ ހުންނަ ކަރަންޓް ސޮކެޓެއް ބަދަލުކުރުމުން ގޮސް ކޮޓަރީގެ ބޮކި ބަދަލުކުރުމާ ހަމަޔަށްވެސް، ކުރަންޖެހެނީ ކޮންމެވެސް މީހަކަށް އަގު ދީގެންނެވެ. މިފަދަ ކަންކަން އަމިއްލަޔަށް ކުރުމުގެ ޤާބިލްކަން ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރުން މުހިންމެވެ. އަމިއްލަ ދިރިއުޅުމުގެ ގިނަ މަސައްކަތް އަމިއްލަޔަށް ކުރަން ގިނައިން އެގުނު މިންވަރަކަށް އަތުން ޚަރަދު ކުޑަ ކުރެވިދާނެއެވެ. ކޮންމެ މީހަކީ ގިނަ މަސައްކަތް ދަންނަ ތަފާތު ހުނަރުތައް ހުރި މީހަކަށް ވުމަށް މަސައްކަތް ކުރެވިދާނެއެވެ. މިއީ ގިނަ އަދަދެއްގެ ފައިސާ ބޭކާރުވުން ސަލާމަތް ވުމުގެ އިތުރުން އަމިއްލަ ނަފްސަށް ވަރަށް ބޮޑު ހިންހަމަ ޖެހުމެއް ލިބިގެންދާނެ ކަމެކެވެ.

ދިރިއުޅުމުގައި ހުރިހާ ކަމެއް ދިމާވާނީ ރަނގަޅަށްކަމަށް ވިސްނައި ހާލަތަށް ފުދިގެން އުޅެން ދަސްކުރުން:

ތިމާގެ ދިރިއުޅުމާއި ދޭތެރޭ "ޕޮޒިޓިވް" ކޮށް ނުވަތަ ހުރިހާ ކަމެއް ދިމާވާނީ ރަނގަޅަށްކަމަށް ވިސްނައި ހާލަތަށް ފުދިގެން އުޅެން ދަސްކުރަންޖެހެއެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަށް މާޔޫސް ނުވެ، ދިރިއުޅުމާއި ދޭތެރޭ ރަނގަޅަށް ވިސްނައި، ލިބިފައިވާ ނިޢުމަތްތަކަށް އަބަދުވެސް ﷲ ތަޢާލާއަށް ހަމްދުކޮށް، ޝުކުރުވެރިވުން މުހިންމެވެ. އެމީހެއްގެ ފެންވަރުން ފުދިގެން، އަމިއްލަ އުފާތަކަށް ވަކި މިންގަޑުތަކެއް ކަނޑައަޅާފައި ބެހެއްޓިދާނެއެވެ. އަތުކުރީގައި އަޅައިގެން އުޅޭ ގަޑިޔަކީ ގަޑިބަލަން ބޭނުންކުރާ އެއްޗަކަށް ވާއިރު، ގަޑި ބަލަން "އައި ވޮޗެއް" ނުވަތަ "ސްމާޓް ވޮޗެއް" އަތުގައި އެޅުމަކީ ތިމާއަށް އެންމެ ރަނގަޅުގޮތްތޯ ވިސްނާލާށެވެ. އުފަލާ ހިންހަމަ ޖެހުމަކީ ގިނައަދެދެއްގެ އަގުބޮޑު ތަކެތި ގަތުމަކުން ހާޞިލް ކުރެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް އުފާލާ ހިންހަމަޖެހުމަކީ އަގުބޮޑުތަކެތި އަތުގައި ހުރުމުން ލިބޭ އެއްޗެއްކަމަށް ވިސްނައިގެން ކިތަންމެ އަދަދަކަށްވެސް ރުފިޔާ ޚަރަދު ކުރެވިދާނެއެވެ. އެންމެ ބުއްދިވެރި ގޮތަކީ ނުފޯރާ ފޮތިން ފޫގަޅަން ނޫޅުމެވެ. ތިމާގެ ދިރިއުޅުމުގައި ހުރި ކަންކަމުން އުފާ ލިބިގަންނާށެވެ. އަމިއްލަ އަތުގައި ފައިސާ އަދި މުއްސަނދި ކަން ހުރިނަމަ ލިބިދާނެ އުފަލަކަށް ނުވަތަ ހިތްހަމަޖެހުމެއް ހާޞިލްކުރުމަށް މަސައްކަތް ނުކުރާށެވެ.

ދިވެހި ޝާއިރަކު ވިދާޅުވެފައިވާ ޅެމެއްގެ ބައިތެއް ހިމަނާލާނަމެވެ. މިޅެމުގައި ވަނީ އިޤްތިސޯދުކުރުމާއި ގުޅޭ ވަރަށްވެސް އިބްރަތްތެރި ވަހަކައެކެވެ.

ލިބޭ މިންވަރު ނިކަންދަނެގެން، ވިބޭނުންތަކަށް ބަހާލައިގެން

ތިބޭނަމައީ ފިކުރުކޮށްގެން، މި ބޭޒާރެއް ނުވެސް ވާނޭ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ