logoEN
cocacola
ފަހުވަގުތު އަފްރާހް ކާމިޔާބުކުރި ލަނޑާއެކު މާފަރުން މާޅެންދޫ ބަލިކޮށްފި

ފަހުވަގުތު އަފްރާހް ކާމިޔާބުކުރި ލަނޑާއެކު މާފަރުން މާޅެންދޫ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

4/25/2024, 7:16:20 PM

# ދިވެހި ފުޓްބޯޅަ# ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް

މާފަރާއި މާޅެންދޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ސިޑިވަރި

ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްގެންދާ "ދަ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް" ގައި ބުރާސްފަތި ދުވަހުގެ ރޭ މާފަރާއި މާޅެންދޫ ވާދަކުރި މެޗު 3-2 ނަތީޖާއަކުން ކާމިޔާބުކޮށް މާފަރުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި މާޅެންދޫ އިން ކުޅުނު ފުރަތަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން ޅޮހި އެސްސީ އަތުން މޮޅުވެފައިވާއިރު، މިއީ މާފަރުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓްކުރީ މާފަރުންނެވެ. އަދި މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު މެޗު ފެށިގެން 6 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އައްޒާމް އަބްދުﷲ އެވެ.

މިއީ އެޓީމުގެ އަފްރާހު މުހައްމަދު ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޅެންދޫގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ 7 މިނެޓު ފަހުން އަފްރާހު ތަނަވަސްކޮށްދިން ފުރުސަތެއްގައި މާފަރުގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ އަބްދުއް ރައޫފް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި މާފަރުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މާފަރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މާޅެންދޫ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީހާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން 6 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން ޖަވާދުއެވެ.

މާޅެންދޫ އިން ރަނގަޅަށް ކުޅެމުންދަނިކޮށް އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި އެޓީމުގެ ކީޕަރު އިބްރާހިމް ޚާލިދު ޕެނަލްޓީ އޭރިއާ ބޭރުން ބޯޅައިގައި އަތްލުމާއި ގުޅިގެން، މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީ ބައި އެޓީމުން ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން މާފަރުގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މާޅެންދޫ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މޫސާ އަހުމަދު އެވެ.

މިލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެ، މެޗު ނިމެންދަނިކޮށް މާފަރު ޓީމުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދީ ފަހުހާފުގެ 85 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިމެޗުގައި މޮޅު ކުޅުމެއްްދެއްކި އެޓީމުގެ އަފްރާހު މުހައްމަދު އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން މާފަރު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މާފަރު ޓީމުގެ ކެޕްޓަން އައްޒާމް އަބްދުﷲ އެވެ.

މުބާރާތުގައި މާދަމާވެސް ދެ މެޗެެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަވީރު 16:00 ގައި ފަށާ މެޗުގައި ކުޑަފަރިއާއި ނައިފަރު ޗެލްސީ ވާދަކުރާއިރު، ރޭގަނޑު 21:00 ގައި ފަށާ މެޗުގައި ވިންޑް ވޯރިއާސް ނުކުންނާނީ ޑީޓޫ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.

ކެނދިކުޅުދޫ ކައުންސިލުންގެ ފަރާތުން އިންތިޒާމުކޮށް، މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 10 ޓީމަކުން ބައިވެރިވެފައި ވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ