
211537_3126b19c-5_
ސަރުކާރުގެ އަމާޒަކީ ގުޅުން ބޮޑު، ދިރުންހުރި، އެތެރޭގެ އިގްތިސޯދެއް އުފެއްދުމަށް ކަމަށާއި، އިޖްތިމާޢީ، އިގްތިސޯދީ އަދި އުމްރާނީ ބޮޑު ބަދަލަކަށްޓަކާ އިހަށް ކުރަންޖެހޭ ކަންކަން މިދަނީ މިދައުރުތެރޭ ހިންގާ، ނިންމަމުންކަމަށް ރައީސްް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށްް 2023 ގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވީ، އެބަދަލުތަައް ގެނައުމަށް ރައްްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްްތައް ފުރިހަމަވާންް ޖެހޭ ކަމަށެވެ.
އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމުގެ ތެރެއިން އެންމެ މުހިންމު އެއްކަމެއް ކަމަށްވާ ފެނާ ނަރުދަމާގެ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ނިމިގެންދާނެ ކަމަށެވެ. އަަދި ލަފާފުރުމުގެ ދަތިކަން ވެސް މުޅިރާއްޖެއިން ނައްތާލުމުގެ ފުޅާ މަޝްރޫޢު އެދަނީ ހިނގަމުން ކަމަށާއި، ހުރިހާ ރަށެއްގެ ހުރިހާ އިންޖީނުގެ އެރަށަކާ އެކަށޭނަ މިންވަރަށް އެދަނީ ތަރައްގީކުރެވެމުންކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެގޮތުން އެންމެ ބޭނުން ޖެހިފައިވާ 76 ރަށެއްގެ އިންޖީނުގެ މުޅިން އަލަށް ޒަމާނީ ފެންވަރަށް ޢިމާރާތްކޮށް ފުރިހަމަ ކުރެވިއްޖެކަމަށާއި، 144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރ ސެޓް އަލަށް ބެހެއްޓިއްޖެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މި ބަދަލަކީ ކުރިއަށް އޮތް 50 އަހަރަށް އެކަށޭނެ ބޮޑު ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހަކަތައަށށް ގެނެވޭ އެންްމެ ބޮޑު ދާއިމީ ޙައްލަކީ އިޢާދަކުރުވަނިވި ހަކަތައަށް ބަރޯސާވުން ކަމަށާއި، އެކަމަށްޓަކާ ހިންގޭ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 2 އަހަރު ތެރޭގައި ރާއްޖޭގެ 29 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވެނޭ ކަމަށެވެ.؛
"މިދެންނެވި މަޝްރޫޢު ފުރިހަމަ ވުމުން މުޅިރާއްޖެއިން ތެލަށް ކުރާ ޚަރަދު ކުޑަވެގެންދާނެ (.) ތެލުގެ ޚަރަދު ކުޑަވެއްޖެ ނަމަ ކަރަންޓުގެ އަގު ކުޑަވާނެ. ކަރަންޓުގެ އަގު ހެޔޮވެއްޖެނަމަ، އެފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުވާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާރު އެކި ރަށްރަށުގައި ކުރިއަށްގެންދާ ތަފާތު އެކި ތަރައްޤީގެ މަޝްރޫޢުތައް ނިމެމުން ދިޔަވަރަކަށް އެރަށްތަކުގެ ބިމުގެ އަގު މައްޗަށް އަރައި، އެރަށުގައި އިޤްތިޞާދީ ހަރަކާތްތައް ހިނގައި، އޭގެ މަންފާ ރައްޔިތުންނަށް ކުރާނެކަމަށެވެ.
















