img_md_202211150328091668508089.8661
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާއްވާ ސްމާޓްކޮމް ފެއާ 2022 އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.
އެޗްޑީސީން ބުނީ މިފެއާ ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގަ އެވެ.
މި ފެއާ އެންމެ ފުރަތަމަ ބޭއްވުމަށް ތާވަލުކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް އެދުވަހު މި ފެއާ ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
މި ފެއާއަކީ ތަފާތު އެކި ހިދުމަތްތައް ދިނުމަށް ބޭނުންކުރާ މޮބައިލް އެޕްލިކޭޝަން، ވެބްސައިޓްތައް، އަދި އެހެނިހެން ޑިޖިޓަލް ވަސީލަތްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ވީހާވެސް ގާތުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ފެއާއެއް ކަމަށް އެޗްޑީސީއިން ބުނެ އެވެ.
މީގެ ފަހުން ކޮންމެ އަހަރުކު ވެސް މި ފެއާ ބާއްވާނެ އެވެ.
ސްމާޓްކޮމް އަކީ އެޗްޑީސީގެ ސްމާޓް ސިޓީ ބްރޭންޑެވެ. ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށްޓަކައި އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެޗްޑީސީއިން ބުނީ މި ފެއާގައި ސްމާޓް ސިޓީ ސޮލިއުޝަންތަކާ ބެހޭ މުހިއްމު މައުލޫމާތާއި އެހެނިހެން ޑިޖިޓަލް ހިދުމަތްތަކާ ބެހޭ މައުލޫމާތުގެ އިތުރުން ސައިބާ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކާއެކު ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމުގައި އެޗްޑިސީ އިން ބުނެ އެވެ.