img_md_201903090735091552142109.5057-850x548
ފެބްރުއަރީ މަހަކީ އެމްޑީޕީއިން ވަރަށް ބިރުގަންނަނެ މަހެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި އަދުރޭ ވިދާޅުވިގޮތުގައި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހެއްގައި އެމްޑީޕީއިން "ވާނުވާ ނޭނގި ތިބެގެން ބޮޑި ބުއި" ބައެއް ކަމަށެވެ. އަދި އެދުވަސް އަލުން ތަކުރާރުވުމަކީ އެންމެ އެދޭ ގޮތް ކަމަށާއި އެފަދަ ހާލަތެއް މެދުވެރިވުމަށް ދުއާ ދަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ އިދިކޮޅުން ކުރާ މުޒާހަރާތައް ފުލުހުން މެދުވެރިކޮށްގެން ވެސް ނުހުއްޓުވޭނެ ކަމަށާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ބަހައްޓައިގެން "ދެއިރު ދެދަޅައަށް ފުލުހަށް ހާޒިރުކޮށްގެންވެސް" އިދިކޮޅުުގެ މަގުމަތީ ހަރަކާތްތައް ނިމުމަކަށް ނުގެންނާނެ ކަމަށެވެ. އަދި ސަރުކާރުން މިގޮތަށް ކަންކަން ކުރަމުން ދާނަމަ 24 ގަޑިއިރު މުޒާހަރާކުރަން ޖެހިދާނެ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.
"ރައީސް ޔާމީން ކުޑަކަކޫ ނުޖައްސަވާ ހިނދަކު އިދިކޮޅުން ތިރިއެއް ނުވާނަން. މަގުމަތީ ހަރަކާތައް ނުހުއްޓުވޭނެ. އެ ހަރަކާތްތައް ދާނީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން،" - އަދުރޭ
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަދުވަހެވެ. ރައީސް ނަޝީދު ސިފަކުރައްވާ ގޮތުގައި ވެރިކަން ބަދަލުވެގެން ދިޔައީ ބަޤާވާތެއް ކުރުމުގެ ސަބަބުންނެވެ.